މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ކެމްޕަސްގެ ގޮތުގައި ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރެވޭނެ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަމަޖައްސަވައި ދެއްވައިފި އެވެ.
އެމްއެންޔޫ އާއި އައިޖީއެމްއެޗްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މެޑިސިން ކިޔަވާ ދަރިވަރުން ބޭނުންކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އަށެއް އަދި 14 ވަނަ ފަންގިފިލާ އޮތީ 10 އަހަރު ދުވަހަށް ކުއްޔަށް ދީފަ އެވެ. ނަމަވެސް ދަރުމަންވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކުރުމުގެ ބޭނުމުގައި ކަމަށް ބުނެ، އެއްބަސްވުމުގައި ބާކީ ފަސް އަހަރު އޮއްވައި ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ އެއްބަސްވުން އުވާލައިފަ އެވެ.
އެހެންވެ ދަރުމަންވަންތަ ހޮސްޕިޓަލުގައި ހުރި މެޑިސިން ސްކޫލްގެ ވަސީލަތްތައް އެމްއެންޔޫއަށް ބަދަލުކުރަން ފެށި އެވެ. އެކަމާ ގުޅިގެން އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ރައީސް އޮފީހުގެ އިސްވެރިންނާ މިދިޔަ މަހުގެ 26 ވަނަ ބައްދަލުކޮށްފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި ކުރި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދީ ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދެއްވާފައިވާ ކަމަށެވެ.
”ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަ ދެއްވައި، އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ހަމަޖައްސަވައި ދެއްވައި، ކަމާބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފި،“ ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލުކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތް ތަކާއެކު ދިރާސާތައް ވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއްގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
ގުޅުންހުރި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް އަންނަ އަހަރު ހަވާލުކޮށް ނިންމާނަން: ރައީސް