އޮކްޓޯބަރ 7, 2024

މިދިޔަ ހަ އަހަރު ޖިންސީ ކުށާއި ރޭޕް ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރީ ކޮވިޑް އަހަރު

ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ޖިންސީ ކުށާއި ރޭޕް ކޭސްތައް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓްކުރީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އޮތް ދުވަސްވަރުކަން ރައްޔިތުން މަޖިލީހުން އެއްކުރި މައުލޫމާތުތަކުން އެނގިއްޖެ އެވެ.

ޖިންސީ ކުށުގެ ތަފާސް ހިސާބުތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެއްކުރީ ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

އެ ގަރާރު ދިރާސާކުރުމުގެ ތެރޭގައި އެއްކުރި މައުލޫމާތު ހިމަނައިގެން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ޖެންޑާ މިނިސްޓްރީ، ފުލުހުން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ބައްދަލުކޮށް މައުލޫމާތު ހޯދައިގެން މަޖިލީހުގެ ޖެންޑާ ކޮމިޓީން އެކުލަވާލި އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ހަ އަހަރުގެ ތެރޭގައި ފުލުހުންނަށް ޖިންސީ ކުށުގެ ޖުމުލަ 2،169 މައްސަލަ ހުށަހެޅި އެވެ.

އެންމެ ގިނަ މައްސަލަ ހުށަހެޅީ ކޮވިޑް-19 އަށް ރާއްޖެ ބަންދުކުރި އަހަރު، 2020 ވަނަ އަހަރު އެވެ. އެ އަހަރު 487 މައްސަލަ ހުށަހެޅި އެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް ފެނި ބޯޑަރުތައް ބަންދު ކުރީ މާޗު 2020ގަ އެވެ. އަލުން ބޯޑަރުތައް ހުޅުވާލީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލީ ނޮވެމްބަރު 2021ގަ އެވެ.

މިދިޔަ ހަ އަހަރު ތެރޭގައި ޖިންސީ ކުށުގެ މައްސަލަތައް އެންމެ މަދުން ހުށަހެޅި ކަމަށް ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު އެވެ. އެ އަހަރު 234 މައްސަލަ ހުށަހެޅި އެވެ.

ޖިންސީ ކުށުގެ މައްސަލަތައް އެކި އަހަރުތަކުގައި ހުށަހެޅި އަދަދުތައް

2018: 362 މައްސަލަ

2019: 410 މައްސަލަ

2020: 487 މައްސަލަ

2021: 342 މައްސަލަ

2022: 334 މައްސަލަ

2023: 234 މައްސަލަ