އިރާންގެ ރައީސް ޑރ. އިބްރާހީމް ރައީސީ ދަތުުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެ މަނިކުފާނު އަވަހާރަވެފައިވާ ކަމަށް އިރާންގެ ސަރުކާރުން ކަށަވަރުކޮށްދީފި އެވެ.
ރައީސް ރައީސީއަކީ އިރާންގެ އަށްވަނަ ރައީސެވެ. ވެއްޓުނު ހެލިކޮޕްޓަރުގައި ރައީސް ރައީސީގެ އިތުރުން އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން އާއި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު އަދި އިސް ބޭފުޅުންތަކެއް ދަތުރު ކުރައްވަމުން ގެންދެވި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިރާން އާއި އަޒަރްބައިޖާންގެ ބޯޑަރު ކައިރިއަށް އެ ހެލިކޮޕްޓަރު އިއްޔެ ވެއްޓުނީ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން އެ ގައުމަށް ކުރެއްވި ދަތުރަށްފަހު އެނބުރި ގައުމަށް ވަޑައިގެން މަގުމަތީގަ އެވެ. ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.
އެ ހާދިސާގައި ރައީސް ރައީސީ އާއި އެ ހެލިކޮޕްޓަރުގައި ދަތުރު ކުރެއްވި އަވަހާރަވެފައިވާ ކަމަށް އިރާންގެ މީޑިއާތަކުގެ އިތުރުން ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި މި ވަގުތު ތިބި އިރާންގެ އޮފިޝަލުންވެސް ކަށަވަރުކޮށްދެ އެވެ.
އަދި އެކަން އިރާންގެ ރަސްމީ ނިއުސް އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީން ކަށަވަރު ކޮށްދެމުން ބުނީ، ގައުމަށް ހިދުމަތް ކުރައްވަމުން ދަނިކޮށް ރައީސް ރައީސީ ޝަހީދުވެފައިވާ ކަމަށެވެ.
ރައީސް ރައީސީ އަވަހާރަވެފައިވާކަން އިރާނުން އިއުލާން ކުރުމުގެ ކުރީން އިރާނުގެ ސެމީ އޮފިޝަލް ނިއުސް އެޖެންސީ، ތަސްނިމްއަށް ދެއްވި އިންޓަވިއުއެއްގައި އިރާނިއަން ރެޑް ކްރެސެންޓް ސޮސައިޓީގެ ވެރިޔާ ޕިރް-ހުސެއިން ކޮލިވަންދް ވަނީ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުން ދިރިހުރި އެއްވެސް މީހަކު ފެނިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި
ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން އަހަރަކު 500 ޑޮލަރު ދެނީ!
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި