އޮކްޓޯބަރ 8, 2024

ރައީސް އޮފީހުން ބުނީ ވަގު ޓީޓީ މައްސަލައިގައި ދައުވާ ކުރި ޝިފާއުއަށް މަގާމު ދެވުނީ ނޭނގި ކަމަށް!

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1/ ހުސައިން ޝިފާއުއަށް ސަރުކާރުން ދިން ސިޔާސީ މަގާމުން އޭނާ ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އައްޔަންކޮށްފައި ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ ސީދާ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ. ނަމަވެސް އެ މަގާމުގެ މުސާރައަށް އޭނާއަށް މަހަކު 24،550 ރުފިޔާ ލިބެ އެވެ.

ސިޔާސީ މަގާމްތަކަށް އައްޔަންކުރާ މީހުންގެ ބެކްގްރައުންޑް ރައީސް އޮފީހުން ބަލަ އެވެ.

ނަމަވެސް ޝިފާއުއަށް ސިޔާސީ މަގާމެއް ދީފައިވާކަން މީޑިއާތަކުން ރިޕޯޓް ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، ޝިފާއު އެ މަގާމަށް ހަމަޖެއްސި އިރު، އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ހުރީ ނުލިބި ކަމަށެވެ. އެ ދައުވާތަކުގެ ތަފުސީލު ލިބުމާ އެކު އޭނާ މިއަދު މަގާމުން ވަކިކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝިފާއުގެ މައުލޫމާތު ނުލިބި އޭނާއަށް ސިޔާސީ މަގާމެއް ދިންކަން ސަރުކާރުން ބުނި އިރު، އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭތީ އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. އެކަން މީޑިއާތަކުންނާއި ފުލުހުން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ރެކޯޑްތަކުންވެސް ފެންނާނެ އެވެ

އިތުރު މީހަކާ ބައިވެރިވެގެން “ކިންގްޑަމް އޮފް ފްރުޓްސް” މެދުވެރިކޮށް ރާއްޖެ އިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހެޅި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ 28 މާޗް 2023ގަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން 23 ދައުވާއެއް އުފުލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ޝިފާއުގެ މައްޗަށް ދައުލަތުން ކުރި އެއްވެސް ދައުވާއެއް މިހާތަނަށް އަނބުރާ ގެންގޮސްފައެއް ނުވެ އެވެ. އެ މައްސަލާގެ އަޑުއެހުމެއްވެސް ބާއްވާފައެއް ނުވެ އެވެ.