މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލައި އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފުކޮށް އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް މި ސަރުކާރުން ތައްޔާރުވެފައިވީ ނަމަވެސް ގައުމުގެ އިގުތިސާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރުން އުނދަގޫ ހިސާބަކަށް އިގުތިސާދު ނިކަމެތިވެގެން ދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރެވިފައި ނެތް ކަމަށެވެ.
އެގޮތުން އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ހިންގާ ބޭންކުތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި، ބޭންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ދަނީ ބާރު އަޅުއްވަމުންނެވެ. އެކަމުގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހެމުންދާކަންވެސް ފާހަގަކުރެއްވި އެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު ވެސް ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށްވާ އިރު، އެ މާކެޓް އެމްއެމްއޭ އިން ރަނގަޅަށް ރެގިއުލޭޓެއް ނުކުރެ އެވެ. އަދި ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ހޯމް މިނިސްޓްރީން މަޖިލީހުގެ 241 ކޮމެޓީގައި ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމްއެމްއޭގެ ގާނޫނުން ބަޔާން ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރުމަށްޓަކައި މި ސަރުކާރަށް ލަފާ ދިނުމާއި މަގުސަދުތައް ހާސިލު ކުރުމަށްޓަކައި އަމަލީ ގޮތުން ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ނުކުރައްވާއިރު، އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަދާ ނުކުރައްވާ ކަމަށެވެ.
ކޮމިޓީގައި އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި އެހެން ހުރިހާ މެންބަރުން ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
ސްޓެލްކޯ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ބޭއްވި މަހާސިންތާ ނިންމާލައިފި
ހަށިވިއްކި މައްސަލަ: ދިވެހި މީހާ ދޫކޮށްލައިފައި، ތައިލެންޑު ތިން އަންހެނުން ބަންދަށް
ޖިނާއީ ކުށްތަކާ ގުޅިގެން ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުން ޖަލަށް
ﷲ އަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫން
ވެރިކަމުގައި މިހާރު މި ހުރީ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ: ހުސެއިން
ފެނަކަ ގާދިއްފުށި ބްރާންޗުގައި މެނޭޖަރެއް ހުއްޓައި އިތުރު މެނޭޖަރެއް ނެގި ވާހަކަ