ސެޕްޓެމްބަރ 21, 2024

ޕީއެންސީގެ މަޖިލިސް ޕްރައިމަރީން ބަލިވި އަތީފަށް ސިއްހީ މަރުކަޒުން ސިޔާސީ މަގާމެއް

ޕީއެންސީގެ ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގައި ބ. ތުޅާދޫ ދާއިރާ އިން ނާކާމިޔާބުވި ކެންޑިޑޭޓް މުހައްމަދު އަތީފު (ތުޅާދޫ އަތީފް) އަށް އެ ރަށު ސިއްހީ މަރުކަޒުން ސިޔާސީ މަގާމެއް ދީފި އެވެ.

ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތައް މަދުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް، އަތީފު އައްޔަންކޮށްފައިވަނީ ބ. ތުޅާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ.

އޭނާ އެ މަގާމަށް އައްޔަންކުރިކަން ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖުންވެސް ވަނީ ރަސްމީކޮށް ހާމަކޮށްފަ އެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އަތީފު ބަލިކޮށް ޓިކެޓު ކާމިޔާބު ކުރީ ހަސަން ނިޒާމު (ކައްޑެ) އެވެ. ނަމަވެސް ފަހުން އަތީފު ކެމްޕެއިންގައި ކޮށްދީފައިވަނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި އަބްދުލް ހަންނާން އަބޫބަކުރަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި އަތީފު ވަނީ 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ތުޅާދޫ ދާއިރާއަށް ވާދަކޮށްފަ އެވެ. ނަމަވެސް އިންތިހާބުގެ ކުރިން އޭނާއަށް ކުރި ތާއީދު އެ ޕާޓީން އަނބުރާ ގެންދިޔަ އެވެ. އެއީ ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން އޮފީހަށް ވަނަ ނުދީ ހިފެހެއްޓި މައްސަލައިގަ އެވެ.

އަތީފަށް ކުރި ތާއީދު އަނބުރާ ގެނައުމަށްފަހު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން އޭރު ނިންމީ ތުޅާދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު މުހައްމަދު ޒަހީން އަށް ތާއީދުކުރުމަށެވެ.