ނޮވެމްބަރ 24, 2024

3،000 މީހުންގެ އާބާދީތަކަށް 3 ކައުންސިލަރުން ހޮވީމަ ފުދޭނެ: ރައީސް

ތިންހާހަށްވުރެ މަދު އާބާދީތައް ހިމެނޭ ރަށްރަށުގައި ތިން ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ދެއްވީ ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭނެ ގޮތަށް ފަރުމާކުރި ނާރެސް ޕޯޓަލް އިފުތިތާހު ކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ”ކުރަނގި އޮޕަރޭޝަން“ގެ ދެވަނަ ފިޔަވަހި އިފުތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް ވިދާޅުވީ، އާބާދީ ކިތަންމެ ކުޑަ ރަށަކަށްވެސް ފަސް ކައުންސިލަރުން އިންތިހާބު ކުރުމަކީ ހަރަދު ބޮޑު ކަމެއް ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކޮށްގެންވެސް އެއަށްވުރެ މާ ފައިދާވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެގޮތުން ރައީސް ހުށަހެޅުއްވީ 3،000 އަށްވުރެ ކުދި އާބާދީތަކަށް 2021ގެ ކުރިން އިންތިހާބު ކުރި އަދަދު ކަމަށްވާ ތިން ކައުންސިލަރުން އިންތިހާބު ކުރެއްވުމަށެވެ. އަދި 3،000 އާއި 10،000 އާ ދޭތެރޭގެ އާބާދީތަކަށް ޖުމުލަ ފަސް ކައުންސިލަރުން އިންތިހާބު ކުރުމަށެވެ.

”އަޅުގަނޑު ހިތުން 3،000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި ތިން މީހަކު އިންތިހާބު ކުރީމައި ފުދޭނެ. ކައުންސިލްގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަށްވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރާ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ މީހަކަށްވެ، ތިން ބޭފުޅުން ތިބެ، ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ކާކުކަން ނައިބު ރައީސްއަކީ ރައްޔިތުން ހިޔާރުކުރީމައި،“ ރައީސް ވިދާޅުވިއެވެ.

ރަށްރަށަށް ފަސް ކައުންސިލަރުން އިންތިހާބު ކުރަން ނިންމީ 2021 ވަނަ އަހަރު އެވެ.

ރައީސް ވިދާޅުވީ، ކައުންސިލަރުންގެ އަދަދު މަދުކުރުމަށްފަހު ކައުންސިލްތަކަށް އެކަށައަޅާ ބަޖެޓުގެ ބޮޑުބައެއް ކައުންސިލް އިދާރާގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ މުސާރަ ރަނގަޅުކުރުމަށް ހަރަދު ކުރެވޭނެ ގޮތަކަށް ނިޒާމު ބައްޓަން ކުރެވިއްޖެ ނަމަ ރަނގަޅު ހިދުމަތެއް ދެވޭނެ ކަމަށެވެ.

އެ މަނިކުފާނު އެގޮތަށް ހުށަހެޅުއްވި ނަމަވެސް އެކަން ނިންމާނީ ކައުންސިލްތަކުގެ މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީގެ އިލްމީ ދިރާސާއަށް ފަހު އެ ދިރާސާއިން ފާހަގަވާ ކަންކަމުގެ އަލީގައި ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.