ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް، އަހުމަދު މުނައްވަރު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށްފަހު އާ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސް، އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރަން ރުހުން ދީފަ އެވެ.
ގަވަރުނަރު ކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތަށްފަހު ރައީސް ވަނީ މުނައްވަރާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ރައީސް އާއި ގަވަނަރު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއެޅުއްވި ކަމަށް ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުނައްވަރަކީ މީގެ ކުރިން އެމްއެމްއޭގައި 10 އަހަރު ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގަ އެވެ.

ގުޅުންހުރި
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި
އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ބަންކަރިން އިން
ބިލެތްފަހި އެއާޕޯޓް: މިދިޔަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ, މިއަހަރު ހަވާލުކުރީ އެމްއޭސީއެލްއާ