ސަރުކާރުގެ އަމާޒު: މި ދައުރު ނިމުމުގެ ކުރިން 85,000 ފްލެޓް ހެދުން!

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

މި ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން 85,000 ހައުސިން ޔުނިޓް ހެދުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ހައިދަރު އެހެން ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އޭނާ މިނިސްޓަރާ ސުވާލު ކުރެއްވީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއެއް ފަށާފައިވޭތޯ އާއި އަންނަ އަހަރަށް އެއްވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަން ނިންމާފައިވޭތޯ އެވެ.

ޖަވާބުގައި ހައިދަރު ވިދާޅުވީ, މި އަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މުޅިން އާ މަޝްރޫއެއް ފަށާނެ ކަމަށާއި އެއީ ވަރަށް ބޮޑު މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއުގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި 85,000 ހައުސިން ޔުނިޓް ހެދުން ކަމަށްވެސް ވިދާޅުވި އެވެ.

މި އަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އިރު, އެއީ ކިހިނެތް ފަންޑު ކޮށްގެން ކޮންތަނެއްގައި ހިންގާ މަޝްރޫއެއް ކަމެއް ވިދާޅެއްނުވެ އެވެ.