ސެޕްޓެމްބަރ 21, 2024

ޔާމީން ވިދާޅުވަނީ ނޫމަޑި އެއްބަސްވުން ބާތިލުކުރުމުގެ މޭސްތިރިޔަކީ ވެސް ރައީސް މުއިއްޒު ކަމަށް

ނޫމަޑި އާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލު ކުރި މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

ނޫމަޑިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަތޮޅުތެރޭގައި ހައުސިން ޔުނިޓުތަކެއް އަޅަން ހަވާލުކުރި ކުންފުންޏެކެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރީ މިހާރުގެ ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ.

އެއްބަސްވުންތައް ޔާމީންގެ ސަރުކާރުން ބާތިލު ކުރި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ހަރަދުތައް ހޯދުމަށެވެ.

އެ މައްސަލައިގެ އާބިޓްރޭޝަންގައި ރައީސް މުއިއްޒު ބަޔާން ދިނީ ނޫމަޑިއާ އެއްކޮޅަށް، ދިވެހި ދައުލަތާ ދެކޮޅަށެވެ. އަދި ރައީސް މުއިއްޒު ދިވެހި ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތުކޮށް ދޮގު ބަޔާން ދިނުމުގެ ދައުވާވެސް ކުރި އެވެ.

ރައީސް މުއިއްޒުގެ މައްޗަށް އެ ދައުވާތައް ދައުލަތުން ކުރީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އެ މަނިކުފާނު އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމަށް ބުނެ އެވެ.

ރައީސް މުއިއްޒު އެ ދައުވާއަށް އިންކާރު ކުރެއްވި އިރު، އެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތެއް ނުވި އެވެ.

އެހެންވެ ކޯޓުގައި އެ މައްސަލަ ހިނގަނިކޮށް، ނޫމަޑިއާ ވާހަކަ ދައްކައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 55 މިލިއަން ޑޮލަރު (849،750،000ރ.) ބަދަލުގެ ގޮތުގައި ދޭން ނިންމި އެވެ.

ސަރުކާރުން އޭރު ބުނީ، ބަދަލު ދޭން ނިންމީ އެ މައްސަލަ އޭބިޓްރޭޝަނުން ނިންމައި، ބޮޑު އަދަދެއް ދޭން ޖެހިއްޖެ ނަމަ ދައުލަތަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި އެ ފައިސާ މިހާރު ވަނީ އެ ކުންފުންޏަށް ދައްކައިފަ އެވެ.

ކޯޓުން ބޭރުގައިވެސް އެހާ ބޮޑު ބަދަލެއް ދޭން ޖެހުނު އެއް ސަބަބަކީ، ދައުލަތާ ދެކޮޅަށް އާބިޓްރޭޝަންގައި ރައީސް މުއިއްޒު ހެކިބަސް ދެއްވުން ކަމަށް ސަރުކާރުން އޭރު ތުހުމަތު ކުރި އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ނޫމަޑިން އާބިޓްރޭޝަނަށް ގޮސްފައިނުވާނެ ކަމަށާއި ސަބަބަކީ ދިވެހި ސަރުކާރާ ދެކޮޅަށް އޭރު އެ މީހުން އާބިޓްރޭޝަނަށް ހުށަހަޅާނެ މައްސަލައެއް ނެތުމުން ކަމަށެވެ. ނަމަވެސް ފަހުން އެ ކުންފުނިން އާބިޓްރޭޝަނަށް ދިޔައީ ރައީސް މުއިއްޒު ދައުލަތާ ދެކޮޅަށް ބަޔާނެއް ދެއްވާނެކަން އިޝާރާތް ކުރައްވައިގެން ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

”އެއީ ސަރުކާރު ކޮމްޕްރޮމައިޒްވާ ވަރު މައްސަލައެއް. ދިވެހި ސަރުކާރުން ބޮޑު ބަދަލެއް ދޭންޖެހޭ ވަރުގެ މައްސަލައެއް އައިމަ, މިއީ ސަރުކާރުގައި އޭރު އެކަން ނިންމަވަން ހުންނެވި ވަޒީރު. އަދި ރައީސް އޮފީހުން އަންގަވައިގެން އެކަން ކުރެއްވިޔަސް, އެކަން ކުރެއްވި, ދެން ބްރިޖުގެ ވެސް މޭސްތިރިއަކީ މިއީ ދެއްތޯ, އެހެންވީމާ ނޫމަޑީގެ ވެސް, އެ އެގްރީމެންޓް ބާތިލުކުރެއްވުމުގެ އިސް މޭސްތިރިޔަކީ މިއީ,“ ޔާމީން ވިދާޅުވި އެވެ.

”އެހެންވީމާ މި ބޭފުޅާ އިސްނަންގަވައިގެން މެނުވީ ނޫނީ މި ބޭފުޅާ ދިވެހި ދައުލަތާ ދެކޮޅަށް ނޫމަޑީގެ މައްސަލައިގައި ބަޔާނެއް ދެއްވާނެކަން އިޝާރާތް ކުރައްވައިގެން ނޫނިއްޔާ މި ކޭސްއެއް ނުނިކުންނާނެ. އިނީޝިއޭޓް ކުރައްވާފައި އެ އޮތީ މުއިއްޒު. މުއިއްޒުގެ ބަހަކާ ނުލައި ދެއާ އިޒް ނޯ ރޫމް ފޯ އާބިޓްރޭޝަން,“

ޔާމީން ވިދާޅުވީ ނޫމަޑި މައްސަލައާ ގުޅިގެން ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގައި ކަނޑައެޅިގެން އިތުރުފުޅު ހައްދަވައިފައި ކަމަށާއި އެއީ ރައީސް މުއިއްޒުގެ މައްޗަށް ހުކުމެއް އަންނަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާގައި އިތުރުފުޅު ހެއްދެވި މައްސަލައިގައި ރައީސް މުއިއްޒުގެ މައްޗަށް އޭރު ދައުވާ ނުކުރެއްވީ އެމްޑީޕީއާއި ރައީސް މުއިއްޒާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ޔާމީން ތުހުމަތުކުރެއްވި އެވެ.