ސުޒޫ ބިއުޓީ ސެލޫންގެ ނަމުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އައި ސުޝްމިތާ ދައުގޮދާ ނުވަތަ އާންމު ނަމުންނަމަ ސުޒޫ ވެސް ޑީޕޯޓް ކޮށްލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ސުޒޫ ޑީޕޯޓްކޮށްލީ އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއް ހިންގުމަށްފަހު ކަމަށެވެ.
އެގޮތުން އެ އިންސްޕެކްޝަންގައި ސުޝްމިތާއަކީ އޭނާއަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އައި މީހަކަށްވާތީ، އޭނާ އިމިގްރޭޝަންގެ ހައްޔަރަށް ގެނެސް، މިދިޔަ އަންގާރަ ދުވަހު ޑީޕޯޓް ކޮށްލާފައިވާ ކަމަށް ބުންޏެވެ.
ސުޒޫ ޑީޕޯޓް ކޮށްލި އިރު، އޭނާ އާއެކު ކުރިން މަސައްކަތް ކުރި ރަޖަނީ ޝްރެސްތާ ނުވަތަ ރިޒްވެސް ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ. އޭނާއަކީ ވެސް ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން އައި މީހެކެވެ.



