އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ބަދަލު ކުރުމުން ފެނަކަ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށް އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލު ކުރުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅީ އެސްޓީއޯ އިންނެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެސްޓީއޯގެ އެ ޕްރޮޕޯސަލް ގަބޫލުކޮށް ފެނަކައަކީ އެސްޓީއޯގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި، އެގޮތަށް ޕްރޮޕޯސަލް ހުށަހެޅީ ފެނަކަ ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށް، ގަވަނަންސް ސިސްޓަމް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ފެނަކަ އިންކުރާ ވިޔަފާރީގެ އެންމެ ބޮޑު ހޭދައަކީ ތެލަށްކުރާ ހޭދަ ކަމަށްވެފައި އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެ ނަމަ، އެ އިންޓަގްރޭޝަނުން ދެ ކުންފުންޏަށް ލިބޭނެ ފައިދާއަށް ބެލުމަށްފަހު އެވެ.
ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލަން ހަމަޖެހިފައިވަނީ އެސްޓީއޯ، ފިނޭންސް މިނިސްޓްރީ، އެންވަޔަރުމަންޓް މިނިސްޓްރީ ތަމުސީލުކުރައްވާ ބޭފުޅުން ހިމެނޭ ގޮތަށެވެ. އަދި ފެނަކަ އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުވުމުން އެކުންފުނީގެ ބޯޑު އެކުލަވައިލާނީ އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލުގެ ދަށުންނެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާދު ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯގެ ދަށުން ފެނަކަ ހިންގަން ފެށުމުން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ.
އަދި އެސްޓީއޯ އަކީ މިހާރު ވެސް ގިނަ އަދަދެއްގެ ސަބްސިޑަރީ ކުންފުނިތައް ހިންގާ ކުންފުންޏަކަށް ވާއިރު، އެ ތަޖުރިބާގެ ބޭނުންކޮށްގެން ފެނަކައަށް ވެސް ފައިދާތަކެއް ހޯދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝިމާދު އިތުރަށް ވިދާޅުވީ، ފެނަކައާ އެސްޓީއޯ އިން ހަވާލުވުމަށްފަހު އެ ކުންފުނީގެ އަސްލު ސައިޒަށް ކުޑަކޮށް ހަރަދުތައް ކުޑަކުރާނެ ކަމަށެވެ. އަދި ފެނަކައަށް އެންމެ ރަނގަޅު ސްޓްރަކްޗާއަކަށް ބަދަލުކޮށް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފެނަކައިން އެސްޓީއޯއަށް ފައިދާ ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާއިރު، އެއް ކުންފުންޏަކުން އެސްޓީއޯއަށް މި ވަގުތު އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައި އޮތީ ފެނަކަ އިންނެވެ. އެގޮތުން ފެނަކަ އިން ތެޔޮ ގަނެގެން އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.

1 Comment
ގުޅުންހުރި
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
އެސްޓީއޯގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި
އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކޮށް ހުޅުވައިފި
މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ދިރާގުން މި އަހަރު ދޭނީ އެންމެ ސްޕީޑްބޯޓެއް ނޫން، ކޮންމެ ހަ
އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން: 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި