ސެޕްޓެމްބަރ 21, 2024

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން ރިޒްނާ އިސްތިއުފާ ދެއްވައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރިޒްނާ އެ މަގާމުން އިސްތިއުފާ ދެއްވިއިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ އޭނާއާ ގުޅޭ މައްސަލައެއް ބަލަމުންނެވެ. އެއީ ޑީޖޭއޭއަށް މުވައްޒަފުން ނެގުމުގައި ރިޒްނާ އަމަލުކުރި ގޮތަކާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ބަލަމުންދާ މައްސަލައެކެވެ.

އިސްތިއުފާގެ ސިޓީގައި ރިޒްނާ ވިދާޅުވީ ޑީޖޭއޭގެ ގާނޫނާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީ އާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށެވެ.

”ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އީޖާބީ ތަސައްވުރެއް ހާމަކުރައްވާފައިނުވާކަމާއި މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފަޔެއްވެސް މިހާތަނަށް ލިބިފައިނުވާކަންވެސް ފާހަގަކުރަން،“ ރިޒްނާ ވިދާޅުވެފައިވެ އެވެ.

ރިޒްނާ ވިދާޅުވީ ޖޭއެސްސީގެ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައިވެސް ނިންމުންތައް ނިންމާފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން ޝަރުއީ ދާއިރާގެ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ނުގެންދެވިފައިވާ ކަމަށެވެ.

ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމުވެސް މީގެ ކުރިން އަދާކުރައްވާފައިވާ ރިޒްނާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް އައްޔަންކުރެއްވީ 27 ސެޕްޓެމްބަރު 2020 ގައެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމާ ހަމަޖެއްސެވުމުގެ ކުރިން ރިޒްނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޔޫއެންޑީޕީގެ އެސިސްޓަންޓް ރެޕްރެޒެންޓަރަކަށެވެ.