ބާރަށް ދުއްވި ކާރެއްގައި ޖެހި ޒުވާނަކު މަރު، ކައިވެނި ކުރަން ދިޔައީ ތައްޔާރުވަމުން

ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން އެ އެކްސިޑެންޓް ހިންގިކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރެވެ. އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލަށާއި މޫނު މައްޗަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި މަރުވީ ލ. އިސްދުއަށް އުފަން ހަސަން ސަމާހު، 23 އަހަރެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދިޔައީ އަންނަ މަހު ކައިވެންޏަށް ވެސް ތައްޔާރުވަމުންނެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުވި ކާރު ދުއްވަން އިން 26 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބުނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.