ނޮވެމްބަރ 23, 2024

ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ހުއްޓުވައި، ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ހުއްޓުވައި، ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ ފަރާތްތަކަށް މިރޭ އަންގަވައިފި އެވެ.

ރޭ ދަންވަރު ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައިއައި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ.

އެ އެކްސިޑެންޓާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ ގޮތުން ބާރު ސްޕީޑުގައި އުޅަނދު ދުއްވާ މީހުންނަށް ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް އާއްމުން ރައްޔިތުން ދިރިއުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފަައިވާނެ ކަމަށެވެ.

ރައީސް ކަމާބެހޭ ފަރާތްތަކަށް އެންގެވި ކަންތައްތައް:

– ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުރުން
– ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.
– ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ މީހާގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
– ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމު އުޅަނދުތައް އާންމު މަގުތަކުގައި ބޭނުންނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
– އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
– ހުޅުމާލޭ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.
– ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތައާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ މީހުންގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.
– މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ކުރާ މަސައްކަތް މިހާރަށް ވުރެ އިތުރުކޮށް ހަރުދަނާކުރުން.

ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އަޅަމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓާ ކުރަމުންދާނެ ކަމަށެވެ.