ސެޕްޓެމްބަރ 21, 2024

ވިޓޯލްއާ ގުޅިގެން ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ހިދުމަތްދޭނަން: ޝިމާދު

ވިޓޯލްއާ ގުޅިގެން ބޭނުންވަނީ ރާއްޖޭގައި ދަތުރުކުރާ ލަގްޒަރީ އަދި ބޮޑެތި ފައިދާ ލިބޭނެ އުޅަނދުތަކަށް ބަންކަރިންގެ ހިދުމަތް ދިނުމަށް ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެމެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ގައުމުތަށް ކުރިއަރާފައިވަނީ އިގްތިސޯދީ ގޮތުން ވިޝަނަރީ ލީޑަރުންގެ ސަބަބުން ކަމަށެވެ. ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަނަކީ ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކުރުން ކަމަށާއި ބަންކަރިންގެ ހިދުމަތް ފަށައިފައިވަނީ އެ ތަސައްވަރުގެ ދަށުން ކަމަށް ޝިމާދު ވިދާޅުވި އެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށައިފައިވަނީ އެ ވިޔަފާރީގައި ގިނަ އަހަރުތަކެއް ތަޖުރިބާހުރި ވިޓޯލް ކުންފުންޏާއެކު އެވެ. ޝިމާދު ވިދާޅުވީ ވިޓޯލްއާ ގުޅިގެން މިއަދު ފެށި ވިޔަފާރީގެ ފުރަތަމަ ކޮޅުގައި ފޯރުކޮށްދެނީ ޑީސަލާއި ލޯ ސަލްފާ ފިޔުލް ކަމަށެވެ. ރާއްޖޭގެ ބަންކަރިންގެ ހިދުމަތް ވިޓޯލުން މާކެޓް ކުރަން ފެށުމުން ގިނަ ބަޔަކު ހިދުމަތަށް އެދެމުންދާކަމަށާއި ނަމަވެސް ބޭނުންވަނީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ލަގްޒަރީ އުޅަނދުތަކަށް ހިދުމަތް ދިނުމަށް ކަމަށް ޝިމާދު ވިދާޅުވި އެވެ.

”ވިޓޯލްއާއި އެސްޓީއޯއާ ގުޅިގެން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ސަރަހައްދުން މިދާ ލަގްޒަރީ ވެސަލްތަކަށާއި ނީޝް މާކެޓް މާނައަކީ އަޅުގަނޑުމެންނަށް ބޮޑެތި ލިބޭނެ ވެސަލްތަކަށް ޓާގެޓްކޮށް އެ ވެސަލްތަކަށް ސާވިސް ދިނުން. ހަމަ މިހެންދާ ކޮންމެ ބޯޓަކަށް ސާވިސް ދިނުމެއް ނޫން،“ ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ އެސްޓީއޯއިން ބަންކަރިން ހިދުމަތް ފަށަނީ ޒީރޯ ވޯކިން ކެޕިޓަލްގައި ވިޓޯލްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ ވިޓޯލްއިން ކާގޯ ފޯރުކޮށްދީ އެތަކެތި ވިއްކުމަށްޓަކައި އެހީތެރިވެދޭނެ ކަމަށާއި އެ ކާގޯ ވިއްކައިގެން ލިބޭ ފައިސާއިން ވިޓޯލްއަށް ހޭދަކުރަމުންދާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އޮފް ޝޯކޮށް ބަންކަރިންގެ ހިދުމަތް ފެށުމަކީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. ބަންކަރިންގެ ހިދުމަތް ދިނުމަށް މުސްތަގުބަލުގައި ބިން ހިއްކައިގެން، ރަނގަޅު ފިޔުލް ފާމްތަކަކާއި ޕޯޓެއް ތަރައްގީކޮށް ޒަމާނީ ފެންވަރުގެ ވަސީލްތަތްތައް ގާއިމްކުރާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.