އިކޮނޮމީ ޑައިވާސިފިކޭޝަން ނުވަތަ އިގުތިސާދު ސިންދަފާތު ކުރުމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އަމާޒަކަށް ވެގެން ނުފެދޭ ކަމަށާއި އެއީ ދުވަހެއް ދުވަހަށް ގޯސްވަމުން އަންނަ ދުނިޔޭގެ އިގުތިސާދެއްގައި ދިރިހުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުން އަންނަ ”ބިލްޑިން ރެޒިލިއެންޓް ފިއުޗާސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް“ ސައިޑް އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކުދި ގައުމުތަކުގެ ބޭރުގެ ދަރަނި އިތުރުވަމުންދާ ކަމަށާއި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 40 ޕަސެންޓް ގައުމަށް ދަރަނީގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ރާއްޖެ ހިމެނޭ ގޮތުން ސިޑްސްގެ އެހެން ގިނަ ގައުމުތަކުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީގައި ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މުސްތަގުބަލަށްޓަކައި ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދަންޖެހޭ ކަމަށާއި ނަމަވެސް އެއީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ގައުމުތަކުގެ އިގުތިސާދު ބަރޯސާވެފައިވަނީ ޓޫރިޒަމާއި މަސްވެރިކަމަށް ކަމަށްވާއިރު އިގުތިސާދުތައް ސިންދަފާތު ކުރުމަށް ސިޑްސްގެ ގައުމުތަކުގެ ވެރިން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
”އިގުތިސާދަށް ބަރޯސާވުމުގެ ސަބަބުން ކުދި ބޭރުން ކުރިމަތިވާ އެކްސްޓާނަލް ޝޮކްތަކުގެ ނާޒުކުކަން ކޮވިޑް-19ގެ ބަލިމަޑުކަމުން ފެނިގެންދިޔަ. މިސާލެއްގެ ގޮތުގައި ބަލާނަމަ، ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑަށް ޖީޑީޕީ ދަށްވި ގައުމު. ސިންދަފާތު ކުރުމަކީ ހަމައެކަނި އަމާޒެއް ނޫން. އެއީ ދުވަހުން ދުވަހަށް ގޯސްވަމުން އަންނަ ދުނިޔޭގެ އިގުތިސާދެއްގައި އަޅުގަނޑުމެން ދިރިހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށީގެ މަޝްރޫއުތަކަށް މިހާރަށް ވުރެ ބޮޑަށް ހޭދަކުރެވެން އޮތީ ވެސް ދަރަނީގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދައިގެން ކަމަށެވެ.
އަދި މަލްޓިލެޓްރަލް ޑިވެލޮޕްމެންޓް ބޭންކް (އެމްޑީބީ) އާއި އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޓް (އައިއެފްއައި) އާ ގުޅިގެން ކުދި ގައުމުތަކުގެ އިގުތިސާދު ފުޅާވާނެ ގޮތްތައް ހޯދައި، ބްލޫ އަދި ގްރީން ބޮންޑާއި ކޮންސެޝަނަލް ލޯނުތައް ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެފައި އޮތުން މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.
ގުޅުންހުރި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް
ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ އިސްލާހު ރައީސް ވަގުތުން ތަސްދީގު ކުރައްވައިފި
ކަނޑުންނާއި ފަޅުން ދޫކޮށްފައިވާ ގޯތިތައް އަންނަ އަހަރު ހަވާލުކޮށް ނިންމާނަން: ރައީސް