ސެޕްޓެމްބަރ 22, 2024

ފަޒީސް ހިޖާމާ ބަންދު ކޮށްދޭން ހެލްތް މިނިސްޓްރީން ޕޮލިހުގައި އެދިއްޖެ

ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުން ގެންދާތީ، ”ފަޒީސް ހިޖާމާ ތެރަޕީ“ ގެ ނަމުގައި ހިންގަމުން އަންނަ ކްލިނިކް ބަންދުކޮށްދޭން ހެލްތް މިނިސްޓްރީން ފުލުސް އޮފީހުގައި އެދިއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހެލްތް މިނިސްޓްރީގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް އެދިފައިވާތީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއީ ކޮން ކްލިނިކެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ފަޒީލާ އުސްމާން ހިންގަމުން އަންނަ ”ފަޒީސް ހިޖާމާ ތެރަޕީ“ އެވެ. އެ ތަން ބަންދުކޮށްދޭން ހެލްތް މިނިސްޓްރީން ފުލުސް އޮފީހުގައި އެދުނީ މިދިޔަ ހަފުތާގައިކަންވެސް އެނގިފައިވެ އެވެ.

ފަޒީސް ހިޖާމާ ކްލިނިކް ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ހޯދުމަށްފަހު ނޫނީ ހިޖާމާ ޖެހުމުގެ ހިދުމަތް ނުދިނުމަށް 2019 ގައިވެސް މިނިސްޓްރީން އެންގި އެވެ. ނަމަވެސް ހުއްޓާނުލައި އެ ހިދުމަތް އޭނާ ދިޔައީ ދެމުންނެވެ.

ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސެންސް ލިބެންދެން އެ ތަނުގެ ހިދުމަތް ހުއްޓާލަން ފަޒީލާއަށް ހެލްތް މިނިސްޓްރީން އެންމެ ފަހުން އެންގީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެކަން އަންގައި ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލިނިކުގެ ހިދުމަތް ހުއްޓާލަން އެންގީ އެކަމާ ގުޅިގެން މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި އޭނާއާ ބައްދަލުކޮށް، ރަޖިސްޓްރީ ކޮށްގެން ހިދުމަތް ދިނުމަށް އެންގުމަށްފަހު ކަމަށެވެ.

އަދި ފަޒީސް ހިޖާމާ ޖެހުމުގެ ހިދުމަތް ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށާއި ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރުނުވާތީ އެ ރިޕޯޓުތައް ނެގުމަށްވެސް އެ ފަހަރު މިނިސްޓްރީން އެންގި އެވެ.

ފަޒީސް ހިޖާމާ ބަންދުކޮށްދޭން ހެލްތް މިނިސްޓްރީން ފުލުސް އޮފީހުގައި އެދިފައި މިވަނީ ރަޖިސްޓްރީނުކޮށް އަދި އޮޕަރޭޓިން ލައިސަންސް ނުނަގައި ހިދުމަތްދޭ ނަމަ، ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން އެކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަން ފަޒީލާ އަން އަންގައި އިންޒާރު ދިނުމަށްފަހު އެވެ.