ސްރީ ލަންކާގައި އިއްޔެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ޑިސަނަޔަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީތީ ޑިސަނަޔަކަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ލަންކާކާއާއި ރާއްޖެއަކީ ގާތް އަވަށްޓެރި ދެ ގައުމު ކަމަށާއި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
”ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކެއަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ދަންނަވަން، ގާތް އަވައްޓެރިންގެ ހައިސިއްޔަތުން ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު އޮތް ތާރީހީ ރަހުމަތްތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް މަނިކުފާނާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު އުއްމީދު ކުރަން،“ ރައީސް ވިދާޅުވި އެވެ.
ލަންކާގެ ރިޔާސީ އިންތިހާބުގައި 31 ކެންޑިޑޭޓަކު ވަނީ ވާދަކުރައްވައިފަ އެވެ. މަމަވެސް އެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓް ވޯޓު ލިބިވަޑައިގެންފައިނުވެ އެވެ. އެހެންވެ ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ފަހަރަށް ވޯޓު ގުނައިފަ އެވެ. މިއީ ލަންކާގެ ރިޔާސީ އިންތިހާބެއް ދެވަނަ ފަހަރަށް ގުނި ފުރަތަމަ ފަހަރެވެ.
ލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު ތިން ކެންޑިޑޭޓަކަށް ވޯޓު ލެވެން ހުންނާނެ އެވެ. އެގޮތުން އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 1، ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓެއްގެ ނަމުގެ ކައިރީގައި 2 އަދި ތިން ވަނަ ކެންޑިޑޭޓުގެ ނަމުގެ ކައިރީގައި 3 ޖެހޭނެއެވެ.
ލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޑިސަނަޔަކަ ކަން އިއުލާންކޮށްފަ އެވެ.
މިހާތަނަށް އާންމުކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުގައި ޑިސަނަޔަކަށް 42.31 ޕަސެންޓް ލިބިވަޑައިގެންނެވިއިރު ދެން އެންމެ ގާތުން ޑިސަނަޔަކާ ވާދަކުރެއްވި ޕްރެމަދާސަ 32.76 ޕަސެންޓު ވޯޓު ހޯއްދެވި އެވެ.




ގުޅުންހުރި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ: ރައީސް
އެއް ކޮޓަރީ ފުލެޓު މައްސަލައިގައި ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
”ވާނުވާ“ގައި ތިބީ ބޮޑެތި ކުށްތަކުގެ މީހުން، އެމީހުން ދޫކޮށްލާކަށް ނުވާނެ: ރައީސް