ސެޕްޓެމްބަރ 23, 2024

ކުރިމަގުގެ ޖީލު އެދެނީ ގާޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވާނެ ހިތްވަރެއް: ރައީސް

އަންނަން އޮތް ޖީލުތަކުން އެދެނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން، ގާޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓުވުމުގެ ހިތްވަރު ހުރި ޖީލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އ.ދގައި މިހާރު ކުރިއަށްދާ ”ސަމިޓް އޮފް ދަ ފިއުޗާ“ ގައި ތަގްރީރު ކުރައްވަމުން ރައީސް ވިދާޅުވީ، އ.ދ. ގެ އާންމު މަޖިލީހަށް ގައުމުތަކުގެ ލީޑަރުން އެއްވެ ތަސައްވަރެއް އެކުލަވައިލައިފައިވީ ނަމަވެސް ފާއިތުވި އަހަރުތަކުގައި ކަންކަން ހިނގައިފައިވަނީ އެ ތަސައްވަރާ އެއްގޮތަކަށް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކުން މި ޖީލު އިންސާފުކުރާނީ ނިންމާ ނިންމުންތަކަކުން ނޫން ކަމަށާއި އަޅާ ވަރުގަދަ ފިޔަވަޅުތަކުން ކަމަށެވެ. އަންނަން އޮތް ޖީލު ބޭނުންވަނީ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމުގެ ހިތްވަރު ހުރި ދުނިޔެއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

”[ކުރިމަގުގެ ޖީލުން ބޭނުންވަނީ] ފަލަސްތީނުގެ ދައުލަތަށް، އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމުގެ ހިތްވަރު. އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުން ޖަވާބުދާރީކުރެވޭނެ ހިތްވަރު،“ ރައީސް ވިދާޅުވި އެވެ.

މިރޭގެ ތަގުރީރުގައި ރައީސް ވަނީ ރާއްޖޭގެ ތަސައްވުރު ހާމަކުރައްވައި ތިން ކަމެއް އދ.އަށް ހުށަހަޅުއްވައިފަ އެވެ. ރައީސް ވިދާޅުވީ މިއީ މި ނިޒާމުގެ ތެރެއިން ނަތީޖާ ނެރެންވީ ވަގުތު ކަމަށާއި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަދުގެ ޒުވާން ޖީލު ބާރުވެރިކުރުވުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ މާދަމާގެ ލީޑަރުން ކަމަށެވެ. ރާއްޖޭގެ ތަސައްވުރަކީ ޑިޖިޓަލް އިނޮވޭޝަންގެ ތެރެއިން ޒުވާނުންނަށް އިގްތިސޯދީ ފުރުސަތުތަކާއި އިޖުތިމާއީ ހަމަހަމަކަން ގާއިމްކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ މޫސުމީ ބަދަލުގެ ނުރައްކާ ކަމަށާއި އެކަމާ މިއަދުގެ ޖީލުން ކުރިމަތިލާން ޖެހޭ ކަމަށެވެ.

”މޫސުމީ ހާސްކަމަކީ ވަރަށް ބޮޑު ކަންބޮޑުމެއް. ދިރާސާތަކުން ދައްކާ ގޮތުގައި އަދުގެ ޒުވާނުންގެ ގާތްގަނޑަކަށް 62 އިންސައްތަ މީހުންނަށް މިކަމުގެ އަސަރު ކުރޭ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ހުށަހެޅުއްވި ތިން ވަނަ ކަމަކީ ކަންކަން ހާސިލް ކުރެވޭނެ މަގުފަހި ކުރެވޭނެ މާލީ އެހީތެރިކަން ހޯދުން ކަމަށެވެ.

ރައީސް ވިދާޅުވީ އެކްޝަން ޕްލޭން ޓު އެކްސެލެރޭޓް ޕްރޮގްރެސް އޮން ދަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) އާއި އެހެނިހެން އިންވެސްޓްމެންޓުތަކުގެ ފަރަގު ވަރަށް ބޮޑު ކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން އެ ފަރަގު އަހަރަކު 2.5 އާއި 4 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، އޭގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާ ކަމަށާއި އެ ފަރަގު ނައްތާލަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ފައިނޭންސިން ބޭނުންވާ ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.