އޮކްޓޯބަރ 4, 2024

ބިދޭސީއަކު ފިލައިގެން ހުށަހަޅާ ރިޕޯޓް އަނބުރާ ގެންދާނަމަ 10،000ރ ދައްކަންޖެހޭނެ

ބިދޭސީން ފިލައިގެން ނުވަތަ ގެއްލިގެން ހޯދަން ހުށަހަޅާ ”މިސިން ރިޕޯޓް“ އަނބުރާ ގެންދާނަމަ، 10،000ރ. ގެ ފީއެއް ނަގަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގާވާއިދުގެ ދަށުން އެކުލަވާލާފައިވާ އުސޫލުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ ވަކި ގޮތްތަކެއް މަތިން އަންނަ އާދިއްތަ ދުވަހުން ފެށިގެން ފީއެއް ވެސް ނަގާނެ ކަމަށެވެ.

– މިސިން ރިޕޯޓުކުރާ ކޮންމެ ރިކުއެސްޓަކަށް، މިސިން ރިޕޯޓިން ފީގެ ގޮތުގައި 1,000ރ. ގެ ސާވިސް ފީއެއް.

– ވަޒީފާ ދޭ ފަރާތުގެ އިހުމާލުން ވާކް ޕާމިޓް ހުއްދައިގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ 2،000ރ. ގެ ޖޫރިމަނާއެއް.

– ބިދޭސީން ފިލައިގެން ނުވަތަ ގެއްލިގެން ހޯދަން ހުށަހަޅާ ”މިސިން ރިޕޯޓް“ އަނބުރާ ގެންދާ ނަމަ، 10،000ރ. ގެ ފީއެއް.

ބިދޭސީ ފަރާތެއް ގެއްލިގެން ނުވަތަ ފިލުމުގެ ސަބަބުން ކޮށްފައިވާ ”މިސިން ރިޕޯޓް“ ރިކުއެސްޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

މިހާރު ހުށަހަޅާފައިހުރި މިސިން ރިޕޯޓުތައް 10،000ރ. ގެ އެ ފީއާ ނުލައި އަނބުރާ ގެންދަން ބޭނުންވާ ނަމަ، އަންނަ އާދިއްތަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިސިން ރިޕޯޓް އަނބުރާ ގެންދަންވާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. ، އެ މުއްދަތުގެ ފަހުން ރިޕޯޓް އަނބުރާ ގެންދާ ނަމަ، 10،000ރ ފީ ނަގާނެ ކަމަށެވެ.

ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުށަހަޅާ ބިދޭސީންގެ މިސިން ރިޕޯޓްތައް އެއްވެސް ފީއަކާ ނުލައި އަނބުރާ ގެންދިއުމަށް ދޭނީ ހަތް ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތު ހަމަވުމަށް ފަހު ރިޕޯޓް އަނބުރާ ގެންދާ ނަމަ، 10،000ރ. ގެ ފީ ނަގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.