އޮކްޓޯބަރ 5, 2024

ދޮގާއި ދޮގު ހަބަރު ފެތުރުމަކީ ދިވެހި މުޖުތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއް: ރައީސް

ދޮގު ހަބަރުފެތުރުމަކީ ދިވެހި މުޖުތަމައުގައި މޫލައިފައި އޮތް ބޮޑު ހަލާކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދޮގު ހެދުމާއި ނެތިނުބައިކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އުޅޭއިރު އެކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށް ލޮޅުން އަރައި، ހިދުމަތްތެރިން މާޔޫސްވެ، ރަހުމަތްތެރިކަން ރޫޅިގެން ގޮސްފައިވާ ކަމަށެވެ.

އަދި އެފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާ ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދާއިރު ބައެއް ފަހަރަށް ފަތުރާލާ ދޮގު ހަބަރުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަ ހުރި ކަމަށްވެސް ވިދާޅުވި އެވެ.

”ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް ކުޑަ ލާރިކޮޅަކަށް މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގޭއިރު އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ މުޖުތަމައަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ދީނީ އަހުލާގީ އިޖުތިމާއީ މިންގަނޑުތައް ފުނޑުފުނޑުކޮށް ފަނާކޮށްލަން ބައިވެރިވުމާއި އެ ކަންކަމުން ނުކުންނާނެ ނުބައި ނަތީޖާ އެފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ؟ މުޅި ގައުމުގެ އަހުލާގީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮންފަދަ ބޮޑު ހިޔާނަތެއްތޯ؟،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އިސްލާމުވުން ފާހަގަކުރާ ދުވަހު ދިވެހިން ނަމޫނާ ލިބިގަންނަންވީ ކީރިތި ރަސޫލާ ދުނިޔެއަށް ގެނެސްދެއްވި މޫރިތި، ރިވެތި އަހުލާގީ ސިފަފުޅުތަކުން ކަމަށާއި ދިވެހިން ވާންވީ އަނެކުންގެ ހިތަށް ފިނިކަމާއި ހިތްހަމަޖެހުން ގެނެސްދޭ މިތުރަކަށް ކަމަށެވެ.

”ތިޔައިން ކޮންމެ ބޭފުޅަކު ވެސް މި ވަގުތު މިތަނުގައި އަމިއްލަ ނަފުސުގެ މައްޗަށް ވައުދެއްވެވަޑައިގަތުން. ދޮގު ހަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުއްވުން. އަޅުގަނޑުމެންނަށް ﷲ ދެއްވާ ރިޒުގާއި މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަނުކުރެއްވުން،“ ރައީސް ވިދާޅުވި އެވެ.