އޮކްޓޯބަރ 6, 2024

ކޮރެއާގެ ކުންފުންޏަކަށް 1 މަސް ތެރޭ 3 މިލިއަން ޑޮލަރު ދައްކަން އެފްއޭއެމްއަށް އަމުރުކޮށްފި

ކޮރެއާގެ ކުންފުންޏަކަށް އެއް މަސް ދުވަހުގެ ތެރޭގައި 3.3 މިލިއަން ޑޮލަރު ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މިއީ ކޮރެއާގައި ރަޖިސްޓްރީ ކޮށްފައިވާ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑާއި އެފްއޭއެމްއާ ދެމެދު 20 މާޗް 2021 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ވިލިމާލެއާއި ހުޅުމާލޭގައި ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުތަކެއްގެ މަސައްކަތުގެ އަގު ދީފައިނުވާތީ އެފްއޭއެމްއާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ކޮރެއާ ކުންފުނިން ކޯޓުގައި ބުނެފައިވަނީ އެ ފަރާތުން ކޮށްފައިވާ އެކި މަސައްކަތުގެ އަގުގެ ގޮތުގައި 1.1 މިލިއަން ޑޮލަރާއި 1.9 މިލިއަން ޑޮލަރުގެ އިތުރުން ހުޅުމާލެ ރިކޮންސްޓްރަކްޝަން މަސައްކަތުގެ އަގަށްވާ 122،000 ޑޮލަރާއި ރިކުއަމެންޓަށް ބަދަލުގެނައުމުގެ އަގަށްވާ 122،000 ޑޮލަރާއެކު ޖުމުލަ 3.3 މިލިއަން ޑޮލަރު އެއްބަސްވުމުގެ ދަށުން އެފްއޭއެމް އިން ދީފައިނުވާ ކަމަށެވެ.

އަދިއެ ފައިސާ ދެއްކުމަށް ލުއިތައް ދިން ނަމަވެސް އެއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށާއި އެހެންވެ އެ ފައިސާ އެކީ އެއްފަހަރާ އެފްއޭއެމްގެ ފަރާތުން ނަގައި ދިނުމަށް ކޮރެއާ ކުންފުނިން ކޯޓުގައި އެދުނެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ބުނެފައިވަނީ، ފުޓްބޯޅަ ދަނޑުތަކުގެ އަގުގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ 3.3 މިލިއަން ޑޮލަރަކީ އެ ކުންފުންނަށް އެފްއޭއެމް އިން ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ކޯޓުން ވަނީ އެފްއޭއެމް އަށް އަމުރުކޮށްފަ އެވެ.