ނޮވެމްބަރ 24, 2024

ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ސިޓީ ކައުންސިލަށް ލިބޭ: މޭޔަރު

ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލޭ ސިޓީ ކައުންސިލަށް ލިބެމުންދާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ކުޅުދުއްފުށި ސިޓީގައި ފެށި ”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން އެއްވެސް ދަތިތަކެމެއް ސިޓީ ކައުންސިލް ހިންގުމުގައި މިހާތަނަށް ދިމާވެފައިނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު ލިބެމުންދާ ކަމަށެވެ. އާޒިމް ވިދާޅުވީ އެމްޑީޕީގެ 15 މީހަކަށް ސިޓީ ކައުންސިލުން ވަޒީފާ ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

”ކައުންސިލްގެ ތެރެއިން އަޅުގަނޑު ބުނާ ކަމެއް ވިއްޔާ ކޮށްދޭ. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމާ 15 ކޮންސަލްޓެންޓުން ނަގައިގެން ހަމަ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން އެ ތިބީ ވެސް އެކަކު ނޫނީ،“ އާޒިމް ވިދާޅުވި އެވެ.

އާޒިމް އެގޮތަށް ވިދާޅުވުމުން ކޮންފަރެންސްގެ ރިޔާސަތު ބަލަހައޓަވާމުންދިޔަ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއުލް ވަނީ އާޒިމްގެ އެ ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުކުރާއިރު އެމްޑީޕީގެ 15 ކޮންސަލްޓެންޓުންނަށް ވަޒީފާ ދިން ވާހަކަ އުނިކުރަން މާލެ ސިޓީ ކައުންސިލް އިދާރާގެ މީޑިއާއާ ހަވާލުވެ ހުންނަވާ އާމިނަތު ޝަތުފާގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އޭރު ޝަތުފާ ގެންދިޔައީ އާޒިމްގެ ވާހަކަ ވީޑިއޯ ކުރަމުންނެވެ.

އާޒިމް ވިދާޅުވިގޮތުގައި، މާލެ ސިޓީ ކައުންސިިލްގެ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގައި ކަމަށް ވިޔަސް އެ ކައުންސިލަރުންގެ އެހީތެރިކަން ވެސް ލިބެ އެވެ. ކައުންސިލްގެ ބައްދަލުވުންތައް ލައިވްކޮށް ދައްކާތީ، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ދެކޮޅު ހަދަން އުނދަގޫވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.