ނޮވެމްބަރ 14, 2024

ގައުމު ބަނގުރޫޓުވާ ހާލަތަށް ދިއުމުން އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކުރިން: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ

ރާއްޖެ ބަނގުރޫޓުވާ ހާލަތަށް ދިއުމުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް)ގައި ހުރި ފައިސާ ބޭނުންކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދަން ނިންމާފައިވާ ބިޔަ މަޝްރޫއުތައް އިއުލާން ކުރުމަށް ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކުރީ ސަރުކާރުގެ މާލީ ސިޔާސަތުގެ ސަބަބުން ރާއްޖެ އޮތީ ބަނގުރޫޓުވުމުގެ ނުރައްކާ ހާލަތަށް ގޮސްފައި ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ރާއްޖެ އެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި އިރު ފޮރިން ރިޒާވްގައި ރާއްޖެއަށް ބޭނުންވާ އެއް މަސް ދުވަހުގެ ކާބޯތަކެއްޗާއި ތެޔޮ ގަންނާނެ ޑޮލަރުވެސް ނެތް ކަމަށާއި ރާއްޖެ ބަނގުރޫޓުވިޔަ ނުދިނުމަށް އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކޮށްފައިވާނެ ކަމަށެވެ.

”އާދެ! ރާއްޖެ ބަނގުރޫޓު ވެގެންދާނެހެން ހީވި ހާލަތްތަކުގައި އެ ފަންޑު ބޭނުންކޮށްފައި ހުންނާނެ. އެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ކުރީރޭ އެ ވިދާޅުވީ. އެކަމަކު އަނބުރާ ދައްކާ ގޮތަށް ގާނޫނީ ޒިންމާގެ ތެރެއިން އާ ގާނޫނެއް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ހެދެމުން މި އަންނަނީ،“ ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެސްޑީއެފްގައި ހުރީ އެންމެ ތިން މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް މި ސަރުކާރަށް މިވީ އެއް އަހަރު ތެރެއިގައި އެސްޑީއެފްއަށް 70 މިލިއަން ޑޮލަރު ޖަމާކޮށްފައިވާނެ ކަމަށެވެ.