ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި ފައިސާ ޗާޕު ކުރެވޭ އަދަދު އިތުރުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފިސްކަލް ޒިންމާގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވި ފިސްކަލް ޒިންމާގެ ބިލަކީ މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި ސަރުކާރުން ހުށަހެޅި ބިލެކެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށްޖެހޭ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، އެމްއެމްއޭ އިން އެޑްވާންސަށް، ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެ އެވެ.
ހަރަދަށް ޒިންމާވާ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަރުކާރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އެޑްވާންސްކޮށް ފައިސާ ނެގޭނީ ނުވަތަ ޗާޕު ކުރެވޭނީ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 270 މިލިއަން ރުފިޔާ އެވެ.
ފިސްކަލް ޒިންމާގެ ބިލުގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރާއި ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި ބަޖެޓު ނަތީޖާ ބަޔާނާއި ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓްރީގެ މައްޒަށް ލާޒިމުކޮށްފައިވެ އެވެ.
އެގޮތުން އެ ގާނޫނުގެ ދަށުން އެކުލަވައިލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު، އެ ބިލު ގާނޫނަކަށްވެ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އެ ބިލުގައި ހުރި ކަންކަމަށް ސަރުކާރުން އަމަލުކުރާ މިންވަރު ވަޒަންކުރުމުގެ ގޮތުން، މާލީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓު ފިނޭންސް މިނިސްޓަރަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލްގެ މައްޗަށް އެ ބިލުގައި ލާޒިމުކޮށްފައިވެ އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވި ނަމަވެސް އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ހަ މަސް ދުވަސް ފަހުންނެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ވަނީ އުވިފަ އެވެ.

1 Comment
ގުޅުންހުރި
ކުއްލި ގޮތަކަށް މަރުވި ކޫބެއަކީ އިރަމްގެ ފިރިމީހާ، ކައިވެންޏަށް އަދި އަހަރެއް
ފުވައްމުލަކުގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެއްޖެ
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
ކުޑަކުއްޖަކު ލައްވާ އޮރިޔާންކާޑު އުފެއްދި މީހަކު 20 އަހަރަށް ޖަލަށް