ދޮންބަންޑާރައިގެ ޖިހާދާއި ރީތި އަހުލާގަކީ އެންމެ އަގުހުރި ފިލާވަޅު: ރައީސް

ރާއްޖެ މަލާބާރީންގެ އަޅުވެތިކަމުން ސަލާމަތްކުރުމަށް ދޮންބަންޑާރަ ކުރެއްވި ޖިހާދާއި ރީތި އަހުލާގަކީ މިއަދު ލިބިގަންނަވަނި އެންމެ އަގުހުރި ފިލާވަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރަވީ ދުވަހަކީ ގައުމަށް އަމާނާތްތެރިވުމުގެ މިސާލުގެ އިތުރުން ގައުމަށް ހިޔާނާތްތެރިވުމުގެ މިސާލު ވެސް ފެންނަ ދުވަހެއް ކަމަށެވެ.

”ހުރަވީ ދުވަހަކީ ގައުމަށް އަމާނާތްތެރިވުމާއި ގައުމަށް ހިޔާނާތްތެރިވުމުގެ މިސާލު ވެސް ފެންނަ ދުވަހެކެވެ. ދުވަހުގެ ބަތަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަހުލާގަކީ މިއަދު ލިބިގަންނަވި އެންމެ އަގުހުރި ފިލާވަޅެވެ“ ރައީސް ވިދާޅުވިއެވެ.

ހުރަވީ ދުވަސް ފާހަގަކުރަމުން ދަނީ ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ވަނަ ދުވަހު އިންޑިއާގެ މަލަބާރީންގެ ރާއްޖެ އަރައި ރަސްކަމުގައި އެއިރު ހުންނެވިރަދުން ހައްޔަރުކުރައްވައި ރާއްޖެ އަޅުވެތިކަމަށް ގެންދިޔުމުން، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަހުގެ މުނާސަބަތުގަ އެވެ.

އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވީ ދޮންބަންޑާރައިންނެވެ.

މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި ދުވަަހަށް ހުރަވީ ދުވަހުގެ ނަމުން ނަންދީފައިވަނީ މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމުގައި ޖިހާދު ކުރެއްވި ދޮންބަންޑާރައިންނަކީ، ހުރަވީ ދަރިފަސްކޮޅަށް ނިސްބަތްވާ ބޭފުޅަކަށް ވާތީ އެވެ.