ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ، އެ މައުލޫމާތުތައް ހާމަނުކުރަން ރައީސް އޮފީހުން ނިންމައިފި އެވެ.
އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެކި މިނިސްޓްރީތަކުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.
ރައީސް އެ ދުވަހު ވިދާޅުވީ ވަކިކުރަން ނިންމާފައިވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސެނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑައިރެކްޓަރުން ކަމަށެވެ. އަދި އެ ބޭފުޅުން ވަކިކުރުމުން ސަުރކާރުގެ ބަޖެޓުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެ މުއްދަތު ހަމަވިއިރު، 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ނަމަވެސް ސިޔާސީ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ހާމައެއް ނުކުރެ އެވެ.
އެހެންވެ، އެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ރައީސް އޮފީހުން ދިން ޖަވާބުގައި ބުނީ، ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތުތަކެއް ކަމަށާއި އެ މުވައްޒަފުން ވަޒީފާ އަދާކުރި މިނިސްޓްރީތައް ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރެވިދާނެ ކަމަށެވެ.
”އެ މުވައްޒަފުންގެ ނަމާއި އެ ވުޒާރާތަކުގެ ނަންތަކުގެ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫން،“ ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި
ގެއެއްގެ ވެރިޔާއަށް ބިރުދައްކައި އަނިޔާކުރި މީހުން، ފުލުހުންނަށް ހެކި ނުދެއްކިގެން ދޫކޮށްލައިފި
އައްޑޫ ލިންކް ރޯޑާއި މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރަން 830
ރަސްދޫގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަން ނިންމައިިފި
ބޮޑު ޗުއްޓީއަކަށްފަހު އައިސް އެއް ޖަލްސާ ބޭއްވުމަށްފަހު މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި