2025 ވަނަ އަހަރަކީ ރައްޔިތުންނަށް ތިޔާގިކަން ލިބިގެންދާނެ އަހަރެއް: ރައީސް

މި ފެށުނު އާ އަހަރަކީ ރައްޔިތުންނަށް ތިޔާގިކަން ލިބިގެންދާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މީލާދީ އާ އަހަރުގެ މުނާސަބަތުގައި މިރޭ ފޮނުއްވި ހިތާބެއްގައި ރައީސް ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް ކަމަށާއި ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ އަމާޒުގައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ބޭސްފަރުވާއާއި އާންމު އަސާސީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމާޒުގައި ސަރުކާރުން މިއަހަރު މަސައްކަތް ކުރާނެ ކަމަށެވެ.

“2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ ޢަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައެވެ.” ރަައީސް ވިދާޅުވި އެވެ.

“އިރާދަކުރެއްވިއްޔާ 2025ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެވެ. މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އަހަރެވެ. އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ އަހަރެވެ.”

ރައީސް ވިދާޅުވީ އާ އަހަރުގެ ފަރުދީ އަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރެ ސުލްހަ މަސަލަސްކަން އިތުރުކުރުން ކަމަށެވެ.