ކްރިސްމަސްއާ ދެކޮޅަށް ޕޯސްޓެއް ލިޔުމުން ޓެރަރިޒަމްގެ ތުހުމަތުކޮށް ހައްޔަރުކޮށްފި

ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގައި ކްރިސްމަސް ފާހަގަކުރުމާއި ދެކޮޅަށް ފޭސްބުކްގައި ޕޯސްޓެއް ލިޔުނު މީހަކު ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ މާފުށި، އުދަރެސް ވިލާ، އަހުމަދު ސާޖިދު މުހައްމަދު ތަލާލް އެވެ. ފުލުހުން އޭނާއަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތެވެ.

ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ސާޖިދު ހައްޔަރުކުރަން ބޭނުންވަނީ 2025 ވަނަ އާ އަހަރު ފާހަގަކުރުމަށް މާފުށީގައި ބޭއްވި ހަރަކާތްތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރާވަމުންދާތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.

ސާޖިދު ފޭސްބުކުގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އިސްލާމީ ގައުމެއްގައި ކްރިސްމަސް ފާހަގަކުރުން ހުއްޓުވަންޖެހޭ ކަމަށެވެ. ރާއްޖޭގައި ކްރިސްމަސް ފާހަގަކުރުމަކީ އާދައިގެ ކަމެއް ކަމައް ހަދައިގެން ނުވާނެ ކަމަށްވެސް ސާޖިދުގެ އެހެން ޕޯސްޓެއްގައި ބުނެފައިވެ އެވެ.

”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި އެ ޕޯސްޓުތަކާ ގުޅިގެން ފުލުހުން ސާޖިދު ހައްޔަރުކޮށްފައިވަނީ ރޭ އިޝާ ނަމާދުން ފޭބިތަނާއެވެ. ނަމަވެސް ރޭ ފަތިހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ކޮންމެ އަހަރަކު ވެސް ހެލޮވީންއާއި ކްރިސްމަސް މާފުށީގައި ފާހަގަކުރެ އެވެ.