ގދ. ނަޑެއްލާ ބަނދަރު ތަރައްގީކުރުމަށްޓަކައި ކޮންޓްރެކްޓަރެއް ހޯދުމަށް މި މަސްތެރޭގައި އިއުލާނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނަޑެއްލާއަށް ވަޑައިގެން އެ ރަށު މީހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނަޑެއްލާގެ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ބަނދަރުގެ މައްސަލައަށް ހައްލެއް ލިބުން ކަމަށެވެ. ރައީސް ވިދާޅުވީ ރަށުގެ ތަރައްގީއަށް ބަލާއިރު އެ ބަނދަރަކީ ބޭނުންކުރެވޭ ވަރަށް ވުރެ ހާލަތު ދަށް ބަނދަރެއް ކަމަށެވެ.
”އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިމަހުގެ ތެރޭގައި ތިބޭފުޅުން ބޭނުންފުޅުވެލައްވާ ކަހަލަ އާ ބަނދަރެއް ހެދުމަށް އަޅުގަނޑު އިއުލާންކުރާނަން ކޮންޓްރެކްޓަރެއް ހޯދަން.“ ރައީސް ވިދާޅުވި އެވެ.
ކޮންޓްރެކްޓަރެއް ލިބޭ ހިސާބުން އަމަލީ މަސައްކަތް ފަށައި ވަރަށް އަވަހަށް ބަނދަރުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަޝްރޫއާއެކު ރަށަށް އުދަ އެރުމާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބަނދަރު ތަރައްގީކުރުމުގެ އިތުރުން ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގަ އިތުރުކުރުމާއި، ޒުވާނުންގެ މަރުކަޒާއި، ވޮލީ ކޯޓެއް ވެސް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޑެއްލާއަށް ޒިޔާރާތްކުރައްވާ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ ރަށުގައި އޭޓީއެމްއެއް ބަހައްޓަން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ނަޑެއްލާ ކައުންސިލާއި ގައުމީ ބޭންކު، ބީއެމްއެލްއާ ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ގުޅުންހުރި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި