ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާއެއް ކަމަށްވާ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ފޮނުވުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ދައުލަތުން ޖިހާދުގެ މައްޗަށް އެ ދައުވާކޮށްފައިވަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެ އެވެ.
އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. މިއަދު ހައިކޯޓުން ވަނީ އެ މައްސަލައިގެ ހުކުމް އިއްވައިފަ އެވެ.
އެ މައްސަލައިގެ ރައުޔުގައި ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ ދަށު ކޯޓުން މައްސަލަ ބޭރުކޮށްލާފައިވަނީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާފުނުވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ ތަހުގީގުގައި އަމަލުކުރި ގޮތުގެ ސަބަބުން ޖިހާދުގެ އެއްވެސް އަސާސީ ހައްގެއް ގެއްލިފައިވާ ކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ އެފަދަ ކަންކަމަކީ ދައުވާ އުފުލުމުގައި ހުރި އުނިކަމެއް ކަން ބަޔާން ކުރާ ގާނޫނީ ނައްސެއް ނެތް ކަމަށެވެ. އަަދި އަދީބުގެ ބަޔާނުގެ ސައްހަ ކަން ކަށަވަރުކޮށްފައިނުވާ ކަމަށް ދަށު ކޯޓުން ޝަރީއަތުގެ ކުރީގެ މަރުހަލާގައި ކަނޑައަޅާފައިވަނީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށް ކަން ވެސް ސާފުނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންވެ، ދަށު ކޯޓުގެ ނިންމުމަކީ ގާނޫނީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ފަނޑިޔާރު މަޒީދު ރައުޔުގައި ވިދާޅުވިއެވެ. އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ.
އެހެންވެ މި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުންކުރި ހުކުމުގައި ފަނޑިޔާރު މަޒީދު ވިދާޅުވީ ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް އަލުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވަން ހުކުމްކުރާ ކަމަށެވެ.




1 Comment
ގުޅުންހުރި
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
އެމްއެންޑީއެފަށް އިތުރު އަސްކަރީ މަތިންދަބޯޓުތައް ހޯދައި, ސައިބާ ވޯފެއާގެ ކެޕޭސިޓީ އިތުރުކުރަނީ
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
މެކްސިކޯގެ ރައީސަށް މަގުމަތިން ޖިންސީ ގޯނާކޮށްފި