ޖެނުއަރީ 30, 2025

ގުޅުން ރަނގަޅުނަމަ ފައިސަލް ވަކިކުރަން ޖެހޭ ސަބަބެއް ނެތް: އަބްދުއްރަހީމް

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅުން ރަނގަޅު ނަމަ އެފަދަ ފިޔަވަޅެއް ރައީސް ނާޅުއްވާނޭ ކަމަށް ފައިސަލްގެ ބައްޕަ އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު، މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރައްވައިފަ އެވެ. އޭނާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް ވެސް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެެއްވުމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހިޔާނާތުގެ އެއްވެސް ކަމެއް ހިންގައިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ފައިސަލް ވަނީ ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ހާސިލްކުރައްވައިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”ވަރަށް ދެރަވަރުކޮށް މިދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމުވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މިދަނީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

”މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް މިއީ. އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް [ގޯސް] ކަމެއް ފާހަގަވެފައެއް ނެތް. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،“

ފައިސަލް، ރައީސް މުއިއްޒާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ފައިސަލް ސަރުކާރާ އެކު ހުންނަވާނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުކަމުގައި ހުއްޓާ ކުއްލިއަކަށް އެގޮތަށް ވަކިކުރުމުން، ”ފައިސަލްއެއް ދެން ސަރުކާރާ އެކު ނުހުންނަވާނޭ ނޫންތޯ“ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފައިސަލް ވަޒީރުކަމުން ވަކިކުރެއްވިކަން އަންގައި ރައީސް އޮފީހުން ސިޓީ ފޮނުވީ މިއަދު އޮފީހަށް ފައިސަލް ވަޑައިގަތް ފަހުންނެވެ.

”އަޅުގަނޑަކަށް ވެސް މިވީ ގޮތެއް އެއްގޮތަކަށް ވެސް ނޭނގޭ. ފައިސަލް ގުޅުއްވާފައި ވިދާޅުވި ވަކިކުރައްވައިފިޔޭ ތިމަންނާ އޮފީހަށް އައިތަނުން،“

މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރެއްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.