ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މިއަދު މަގާމުން ވަކިކުރެއްވި އެ މަނިކުފާނުގެ ދަރިކަލުން އިބްރާހީމް ފައިސަލް ދެން މި ސަރުކާރާއެކު ނުހުންނަވާނެ ކަމަށް ފައިސަލްގެ ބައްޕާފުޅު އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ފައިސަލް ވަކިކުރެއްވި އިރު، ވަކިކުރެއްވި ސަބަބެއް ރައީސް ވެސް އަދި ރައީސް އޮފީހުންވެސް ހާމައެއް ނުކުރެ އެވެ.
މެލޭޝިއާގައި މި ވަގުތު ހުންނެވި އަބްދުއްރަހީމް އޮންލައިން މީޑިއާއަކަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ހިޔާނާތުގެ އެއްވެސް ކަމެއް ހިންގާފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ފައިސަލް ހާސިލުކުރައްވާފައިވާއިރު، ރައީސް މުއިއްޒާ ދެކޮޅަށް އެއްވެސް ކަމެއް ފައިސަލް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ސަރުކާރާ އެކު ހުންނަވާނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުކަމުގައި ހުއްޓާ ކުއްލިއަކަށް އެގޮތަށް ވަކިކުރުމުން، ”ފައިސަލްއެއް ދެން ސަރުކާރާ އެކު ނުހުންނަވާނޭ ނޫންތޯ“ ކަމަށެވެ.
”ވަރަށް ދެރަވަރުކޮށް މި ދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމުވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މިދަނީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރެއްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުޅުންހުރި
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް ދިވެހި ދައުލަތުން ދޭ ތިންވަނަ އެންމެ
ދުންފަތް ވަކި އުމުރަކަށް މަނާކުރަން މިއަދު ކެބިނެޓުން ގޮތެއް ނިންމަނީ