މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ ދިފާއުގައި މަސައްކަތް ކޮށްދޭނެ ވަކީލެއް ހަމަނުޖެހިގެން އުޅޭ ކަމަށް ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިން ބުނެފައިވާ ގޮތުން އެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެއް ކަމަށެވެ.
އެ މައްސަލައިގައި މަންޑޭގެ ވަކީލެއްގެ ގޮތުގައި ފުރަތަމަ ހަމަޖެއްސީ މި ސަރުކާރުގައި އެންވަޔަރްމަންޓް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރި ނަމަވެސް ފަހުން އެ މަގާމުން ވަކިކުރި މުހައްމަދު ރާޣިބު އަހުމަދެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މަންޑޭ، ވަކީލާ ނުލައި ހާޒިރުވުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އެކަމާ ސުވާލު ކުރައްވައިފަ އެވެ.
ގާޒީގެ ސުވާލާ ގުޅިގެން މަންޑޭ ބުނީ އޭނާގެ ވަކީލު މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ. މިއަދުގެ އަޑުއެހުމަށް ވަކީލަކާއި ނުލައި އަންނަން ޖެހުނީ އެހެން ވަކީލަކު އައްޔަންކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން ކަމަށްވެސް އޭނާ ބުންޏެވެ.
ދައުލަތުގެ ހަރަދުގައި ވަކީލެއް ބޭނުންވޭތޯ ގާޒީ މަންޑޭއާ ސުވާލު ކުރެއްވުމުން އޭނާ ބުނީ ވަކީލަކާ ވާހަކަދައްކަމުންދާ ކަމަށެވެ. މާލީ ތަނަވަސްކަން ނެތި އެހެން ވަކީލަކު އައްޔަން ކުރަނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވުމުން މަންޑޭ ބުނީ ވަކީލަކާ ވާހަކަދައްކަމުންދަނީ އާއިލާ އިން ކަމަށެވެ.
ގާޒީ ވިދާޅުވީ މައްސަލައިގައި ވަކީލެއް ހަމަޖެހިފައި ނުވި ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ކެންސަލް ނުކުރާނެ ކަމަށާއި މިއަދުގެ އަޑުއެހުމަކީ ދުރާލައި ރާވައިގެން ބޭއްވި އަޑުއެހުމަކަށްވާތީ ވަކީލަކު އައްޔަން ކުރުމަކީ މަންޑޭގެ ޒިންމާއެއް ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންދަން ދަތިވާ ގޮތަށް މަންޑޭ އަމަލުކުރަމުންދާކަން ފާހަގަކުރެވެމުންދާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
އެއަށްފަހު ގާޒީ ވަނީ އިފުތިތާހީ ބަޔާން ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ދެއްވައިފަ އެވެ. އިފުތިތާހީ ބަޔާން ހުށަހަޅުއްވަމުން ދައުލަތުން ބުނީ މަންޑޭގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދައުލަތުން ސާބިތުކޮށްދެވޭނެ ކަމަށާއި އެގޮތުން އެއް އެޕާޓްމެންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި ކަމާއި އެޕާޓްމެންޓް ވިއްކައިގެން ލިބުނު ފައިސާ މަންޑޭ، އޭނާގެ އަމިއްލަ ބޭނުންކުރިކަން ސާބިތުކޮށްދޭނެ ކަމަށެވެ.
އަދި އެޕާޓްމެންޓް ވިއްކައިގެން ލިބުނު ފައިސާ ޖަމާވި ހަންބޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޭންކު އެކައުންޓަކީ މަންޑޭގެ ބާރުގެ ދަށުގައި ހުރި އެކައުންޓެއްކަން ސާބިތުކޮށްދޭނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.
އިފުތިތާހީ ބަޔާނާ ގުޅިގެން މަންޑޭ ބުނީ އޭނާ ވާހަކަދައްކަން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. ނަމަވެސް މައްސަލައިގެ ޝަރީއަތުގެ މަރުހަލާ މިހާރު ފަށާފައިވާ ކަމަށާއި އެހެންކަމުން ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަޑުއެހުން ކެންސަލް ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވ އެވެ.
ގާޒީ އެކަން ފާހަގަކުރުމުން މަންޑޭ ބުނީ އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ވަކި އަތަކަށް ބުރަވެ ފުލުހުން ތަހުގީގު ފުރިހަމަކޮށްފައިނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މަންޑޭ ވާހަކަދައްކައި ނިމުމުން ގާޒީ ވިދާޅުވީ ދެން މި މައްސަލައިގައި ކުރިއަށް ގެންދާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ކަމަށެވެ. އެގޮތުން ހެކިބަސް ނެގުން އޮންނާނީ މި މަހު 19 އިން 26 އަށް ކަމަށާއި އެއިން ކޮންމެ ދުވަހަކު ހަތް ހެއްކެއްގެ ހެކިބަސް ނަގާނެ ކަމަށް ވިދާޅުވި އެވެ. އެ އަޑުއެހުންތަކަށް ވަކީލަކު އައްޔަންކޮށްގެން މަންޑޭއަށް ހާޒިރުވެވިދާނެ ކަމަށާއި ނަމަވެސް ވަކީލެއް ހަމަނުޖެހުނަސް މައްސަލަ ކުރިއަށް ގެންދާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
ގުޅުންހުރި
ބިދޭސީއެއްގެ 33،500 ރުފިޔާ ފޭރުނު 2 މީހުން ދިހަ ދުވަހަށް ބަންދަށް
އެފްއޭއެމް ހިޔާނަތް: ބައްސާމް ދައުވާތަކަށް އިންކާރުކޮށްފި
ހޯކްސް އިން މެންޗެސްޓާ ބްރޭންޑުގެ ސިގްރޭޓް ވަގަށް އެތެރެކުރި މައްސަލައެއް ތަހުގީގު
ދިވެހިބަސް ނޭނގޭތީ ދިވެއްސަކު ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފި
މަރާލަން ހަމަލާދިން މީހުންނާ ދެކޮޅަށް ޝަމީމު ހެކިބަސް ދެއްވައިފި
ރޭސް ކާރު އެކްސިޑެންޓް: ކާރު ދުއްވި އިކްރާމް ތިން މަހަށް ޖަލަށްލައިފި