ފެބްރުއަރީ 3, 2025

ފައިސަލްގެ ދިރިއުޅުން އުފަށް ރަށް ފޮނަދުއަށް ބަދަލުކުރަނީ

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން މިދިޔަ ޖެނުއަރީމަހުގެ 28 ގައި ވަކިކުރެއްވި އިބްރާހިމް ފައިސަލް، އޭނާގެ ދިރިއުޅުން އުފަން ރަށް ލ. ފޮނަދޫއަށް ބަދަލުކުރައްވަން ނިންމަވައިފި އެވެ.

ފައިސަލް އެ މަގާމުން ވަކިކުރެއްވި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ އަޑުތައް ވަނީ ފެތުރިފައެވެ. ފައިސަލް، މަގާމުން ވަކިކުރެއްވުމަށްފަހު އަބްދުއްރަހީމް، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރަން އުޅުނު އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

މަގާމުން ވަކިކުރެއްވުމަށްފު މީޑިއާއާ މިވަގުތު ދުރުގައި ހުންނެވި ފައިސަލް ”ދެން“ ނޫހަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރަށަށް ބަދަލުވަނީ ފަސް މަހުގެ ކުޑަކުއްޖަކު އޮތުމުންނާއި މާލޭގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

”މިވަގުތު ވިސްނުން މިހުރީ ރަށަށް ދިރިއުޅުން ބަދަލުކުރުން. މިހާރު 5 މަހުގެ ބޭބީއެއް ވެސް އޮތް، ދިރިއުޅުމުގެ ކުރަން ޖެހޭ މަސައްކަތް ބޮޑުވާނެތާ، ދެން މާލޭގައި ދިިރިއުޅުމުގެ ހަރަދު ވެސް ބޮޑު ވާނެތާ“ ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ދިރިއުޅުން ފޮނަދޫއަށް ބަދަލުކުރި ނަމަވެސް ސިޔާސީ ކަންކަމުގައި އުޅުއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރުގެ މަގާމުގައި އޭނާ ނުހުންނަވާނެ ކަމަށެވެ.

ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ރަށަށް ދިރިއުޅުން ބަދަލުކުރިޔަސް ސިޔާސީ ކަންކަމުގައި މެދުނުކެނޑި އުޅޭނެ ކަމަށެވެ. ނަމަވެސް މިވަގުތު ހުރީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫން ކަމަށް ވިދާޅުވި އެވެ.

”ކުރިން ހުރީ ޕީޕީއެމް ސެނެޓުގައި. ޕީޕީއެމް އުވާލީމަ މިހާރު ހުރީ އެއްވެސް ޕާޓީއަކު ނޫން“ ފައިސަލް ވިދާޅުވި އެވެ.

މަގާމުން ވަކިކުރެއްވުމާ ގުޅިގެސް ފައިސަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރައްވަން ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް މުއިއްޒުއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ މަގާމުން ވަކިކުރުމާ ހަމައަށް އޭނާއާ ހަވާލުކުރެއްވި މަސައްކަތް އަދާކޮށްފައިވާނީ ޝައުގުވެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ގާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލި ނުވެ ކަމަށްވެސް ފައިސަލް ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަމާޒު ހާސިލުވިކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެއީ ދިވެހި ތާރީހުގައި ބޮޑު ކާމިޔާބެއް ކަމަށެވެ. އެގޮތުން އެ އަމާޒަށް ވާސިލުވީ ދިވެހި ރައްޔިތުންގެ ފަރާތުން އައި ފާޑުކިޔުން ބަލައިގަނެ، އެއީ ހިތްވަރެއް ކަމުގައި ބަލައިގެން ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ އަޑު ވެސް އަހައިގެން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.