އެމްޕީއެލްގެ އާ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ޑީސީޕީ ރިޝްވާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާން މިއަދު އައްޔަންކޮށްފި އެވެ.

ރިޝްވާން އެ މަގާމަށް އައްޔަން ކުރިކަން ޕްރައިވަޓައިޒޭޘަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރިޝްވާނަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ)ގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. ނަޝީދު ސަރުކާރުގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ”އަމިއްލަ މަސައްކަތެއް ފައްޓަވަން“ ކަމަށް ވިދާޅުވުމަށްފަހު އެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓާ އޮފް އޮޕަރޭޝަންގެ މަގާމުގައި ހުންނަވަނިކޮށް ރިޝްވާން، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވި އެވެ. އެއީ 26 ނޮވެމްބަރު 2015 ގަ އެވެ

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މިދިޔަ އާދީއްތަ ދުވަހު ވަކިކުރުމުންނެވެ. އޭނާ ވަކިކުރި ސަބަބެއް ޕީސީބީއަކުން ނުބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބޭފުޅަކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ވަޖީހުގެ ބޭފުޅަކާ އެވެ. ވަޖީހު މަގާމުން ވަކި ކުރިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްއާ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުވަނީ ފެތުރިފަ އެވެ.