މަޝްއަރުގެ ވެރިޔާއަށް މަނީ ލޯންޑަރިންނާއި ޓެކުމުގެ ހަ ދައުވާއެއް، ސާބިތުވެއްޖެ ނަމަ 18 އަހަރަށް ޖަލަށް

މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫފުން އުމްރާއަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް މަނީ ލޯންޑަރިންނާއި ޓެކުމުގެ ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ފާރިޝްގެ މައްޗަށް ޓެކުމުގެ ދައުވާތައްކުރީ މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް 2024 ވަނަ އަހަރު ރާއްޖެ އިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ ރުފިޔާއާއި ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައިނުވާތީ އާއި އެ ފައިސާ އަނބުރައި ރައްދުކޮށްދީފައިނުވާތީ ކަމަށެވެ.

އަލީ ފާރިޝް 391،072 ރުފިޔާއާއި 8،100 އެމެރިކާ ޑޮލަރަށް ހިޔާނަތްތެރިފައިވެފައިވާތީ އެ ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރީ 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ ފައިސާ ނެގުމަށްފަހު އޭނާގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑާކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަލީ ފާރިޝް ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ރުފިޔާއާއި 8،100 ޑޮލަރު ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މަޝްރައުގެ ގްރޫޕުގެ މައްސަލައަކީ އަދިވެސް ތަހުގީގު ކުތަމުންދާ މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މަޝްއަރު ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންދިއުމަށް މީހުން ގެންދިއުމަށްފަހު، އެމީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ހިޔާނާތްތެރިވި ބައިގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން އެދި ހުށަހެޅުމުން، އެ ބައިގައި އޭނާގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.