ފެބްރުއަރީ 23, 2025

ރައީސް ވިދާޅުވީ މި އަހަރު ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް

މި އަހަރުގެ ތެރޭގައި ރަސްމާލެ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކައި ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 18 ޑިސެމްބަރު 2023ގަ އެވެ. އެ މަސައްކަތް ފައްޓަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އެ މަސައްކަތް ކުރަން ސަރުކާރުން ފުރަތަމަ ނިންމީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާ ގޮތަށެވެ. އެގޮތުން އެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ސްރީ ލަންކާގެ ސީއެމްސީސީއާ އެވެ. އެއީ އެ ކުންފުންޏަށް ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިން ދިގު މުއްދަތަށް ދޭ ގޮތަށެވެ.

ނަމަވެސް ރައީސް އިއުލާން ކުރެއްވި އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުނީ ރަސްމާލޭގެ އެންމެ ސައިޓެކެވެ. އެހެންވެ ސީއެމްސީސީ އާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރި އެވެ. އެހިސާބުން މަޝްރޫއުގެ މަސައްކަތް ދިގު މުއްދަތަކަށް މެދުކެނޑުނެވެ.

އެހެންވެ މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތަށް އިތުރު އަށް މަސް ބޭނުންވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މުއްދަތު އަންނަ މާޗު މަހުގެ 26 އަށް ހަމަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

”ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން،“ ރައީސް ވިދާޅުވި އެވެ.

އެންމެ ފަހުން ހެދި އީއައިއޭގައި ބުނެފައިވާ ގޮތުން މަޝްރޫއު އަށް ދެން ފައިސާ ހޯދަނީ އެޗްޑީސީން ނަގާ ލޯނަކުންނެވެ. މި ލޯނާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން ނުވަތަ އެޗްޑީސީން ވެސް ހާމައެއް ނުކުރެ އެވެ. އަދި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކިފައިވަނީ ކިތައް ހެކްޓަރުކަންވެސް ސަރުކާރަކުން ނުބުނެ އެވެ.