އިކޮނޮމިކް މިނިސްޓަރު ސައީދު ---

ގައުމު ނުދަރާ ސަލާމަތް ވާން ދިމާވި އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި ވެރިއެއް ލިބުން: ސައީދު

ގައުމު ނުދަރާ ސަލާމަތްވާން ދިމާވި އެންމެ ބޮޑު ނަސީބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ އިހުލާސްތެރި ރައީސެއް ލިބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ރިޔާސީ ބަޔާން ފޯރަމް 2025 ގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއާއި އެހެނިހެން ކޮމިޓީތަކުގައި މަސައްކަތް ކުރެއްވި އިރުވެސް މިހާރު ފެންނަ މަންޒަރުތައް އޭރު ފެނިފައިނުވާ ކަމަށެވެ. އެގޮތުން މިހާ ތަފްސީލީ ގޮތެއްގައި މިނިސްޓްރީތަކުގެ މަސައްކަތްތައް ބެއްލެވި ރައީސަކީ ރައީސް މުއިއްޒު ކަމަށްވެސް ވިދާޅުވި އެވެ.

”ދަންނަވަން އެބަ އެނގޭ ގާތްގަނޑަކަށް ޑިމޮކްރެޓިކް ކުރު ހަޔާތުގައި، އާ ގާނޫނުއަސާސީ އެކްޓިވޭޓްވުމަށްފަހު ނިމިގެން މިދިޔަ ދުވަސްވަރުގައި އަޅުގަނޑަށް ކަށަވަރުކޮށް ދަންނަވަން އެނގޭ މިހާ ހޭންޑްސްއޮންކޮށް ރައްޔިތުންނަށް ވައުދުތަކެއް ވެގެން، ހާއްސަގޮތެއްގައި މާލީ ހާލަތެއް މިވަރަށް ވެއްޓިފައި އޮއްވައި ގައުމު ނަގައި ނުދަރާ ސަލާމަތްކުރަން އިރާދަކުރެއްވީތީ މިހެން ދާން ދިމާވި އެންމެ ބޮޑު ނަސީބަކީ ގައުމަށް އިހުލާސްތެރި ރައީސެއް އަޅުގަނޑުމެންނަށް ލިބުން،“ ސައީދު ވިދާޅުވި އެވެ.

ރައީސް ދެއްވި ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އެ މަނިކުފާނު އެ ދެއްވީ އުންމީދު ކަމަށާއި ވިދާޅުވެ ދެއްވީ ހުރިހާ ކަމެއް ކެތްތެރިކަމާއެކު ވިސްނުންތެރިކަމާއެކު މެނޭޖުކޮށް، ކުރިއަށްދިއުމަށްޓަކައި މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ވާހަކަފުޅު ކަމަށެވެ.

”ވަރަށް އާދަޔާހިލާފު، ހަމަ ހަގީގަތުގައި ވެސް ރެޔާދުވާލު 24 އަވާސްއެއްގައި އަޅުގަނޑަށް ޔަގީން ރައީސް ވަރަށް މަދު ގަޑިކޮޅެއްގައިކަން އަވަހާރަޕުޅު ލައްޕަވާނީ،“ މިނިސްޓަރު ވިދާޅުވި އެވެ.