ބާޒާރުގެ އަގުތައް ދަނީ މޮނީޓާކުރަމުން، ފުރަތަމަ ލުނބޯ ޝިޕްމަންޓް ގެނެސްފިން: ޝިމާދު

ބާޒާރުގައި ތަކެތީގެ އަގުތައް ކޮންމެ ދުވަހަކު މޮނީޓާ ކުރަމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހު ކާބޯތަކެތީގެ އަގު އުފުލި ބައެއް ތަކެތި ބާޒާރުން ލިބެން ވެސް ދަތިވެ އެވެ.

ޝިމާދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަ މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯ އިން ދުރާލާ ތައްޔާރުވަމުންދާ ކަމަށެވެ.

”އަގު މައްޗަށްދާ ބާވަތްތައް ދެނެގަނެ، ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނީޓާ ކުރަމުން. މިގޮތުން ލުނބޯގެ ފުރަތަމަ ޝިޕްމެންޓް މިހާރު ލިބިއްޖެ،“ ޝިމާދު ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަ މަހަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެސްޓީއޯ އިން ތައްޔާރުވެ އެވެ.

އެސްޓީއޯ އިން ބުނީ، ކުރީ އަހަރުތަކުގެ ތަޖުރިބާ އާއެކު މި އަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރާވާފައިވާ ކަމަށެވެ.

އެގޮތުން ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމެޖެހިގެންދާނެ ކަމަށާއި ރޯދަ މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ދުރާލައި ދެވިފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.