ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރަން އެމްޓީސީސީ އަށް، ބޭނުންކުރާނީ ކަރަންޓުން ދުއްވާ ކާރު

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަމީމާއި އެމްޓީސީސީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ނުވަތަ ކަރަންޓުން ދުއްވޭ އުޅަނދުތަކެއް ބޭނުންކޮށްގެންނެވެ.

މި ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް ސައްތައިން ސައްތަ ދިވެހިން ލައިގެންނެވެ. އެގޮތުން އެ ހިދުމަތުގެ ތެރެއިން ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށްވެސް ވަޒީފާ އަދާކުރެވޭނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އެ ހިދުމަތް މިއަހަރުގެ މެދު ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ. ދެވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފުކުރަން ނިންމާފައިވާ އިރު، ތިން ވަނަ ފިޔަވަހީގައި 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު އެ ހިދުމަތް ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގައި ފަށާނެ އެވެ.