ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް ދެ ވެރިން ކަމަށްވާ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދު އާއި ޗީފް ބިޒްނަސް އޮފިސަރު (ސީބީއޯ) އަހުމަދު ޔާމީން މަގާމުން ވަކިކޮށްފި އެވެ.
އެ ދެ މީހުން މަގާމުން ވަކިކުރިކަން ’ހަފްތާ‘ އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން އެޗްޑީސީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިދު މަގާމުން ވަކިކުރީ ޕްރޮބޭޝަންގެ މުއްދަތުގައި އެކަށީގެންވާ މަސައްކަތެއް އޭނާއަށް ނުކުރެވުމުން އިތުރަށް މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށް ބުނެ އެވެ. ޔާމީން ވަކިކުރި ސަބަބެއް އަދި ސާފެއް ނޫނެވެ.
ފާއިދާއި ޔާމީން ހިމެނޭ ގޮތަށް 15 މުވައްޒަފަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަގާމުން ވަކިކުރި ނަމަވެސް ވަކި ހިސާބަކުން އެ އެންމެންގެ ވަޒީފާ އަލުން އިޔާދަކުރި އެވެ. އެކަމަކު، މައްސަލަތައް ބަލައި ނިމެންދެން ތިބީ ސަސްޕެންޑްކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފަ އެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރު މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިއުއެެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާއެރީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ މަހު އެވެ.
އެކަން ފަޅާ އެރުމާ އެކު، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފަޒުލް ސަސްޕެންޑް ކޮށް ޕާސްޕޯޓް ހިފެހެއްޓުމުން، އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުން މި މައްސަލައިގައި ފަޒުލްއަށް ކުރަނީ ފޯޖަރީގެ ތުހުމަތެވެ.
ނަމަވެސް އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް ކަމާ ގުޅޭ އިދާރާތަކުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.



ގުޅުންހުރި
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި