އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން ފާސްކޮށްފި

އަންނަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) ތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ރަށްތަކާއި ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

އެގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު އިތުރަށް ތަފްސީލުކޮށް މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުފަދަ ކަންކަން ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭ އިން ހަމަޖައްސައިދިނުމުގެ އުސޫލުތަކާއި މާލީ ގޮތުން ދިމާވާ ދަތިތައް ހައްލުކޮށް، ކައުންސިލްތަކުން ދޭ ފައިސާ ދޭނެ ގޮތާއި އެ ފައިސާ ހަރަދުކުރާނެ ގޮތުގެ އުސޫލުތައް މި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެ އިސްލާހުގެ ދަށުން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާގެމަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރަ އަކާއެކު ރޯދަ އެލަވެންސް ވެސް ދޭންޖެހޭނެ އެވެ. އެގޮތުން މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރޯދަ އެލަވެންސް ނުލިބޭ ކޮންމެ މެންބަރަކަށް އެ އެލަވެންސްގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ބަޔާންކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ވޯޓުންނެވެ.

1 Comment

  • Faaish Xan ފެބްރުއަރީ 18, 2025

    Anekka dhaulathu ge budget in madhuvagen 30 million rf hama namegga thibey bayakah bahaalan ninmmee siyaasee gothun mikahala dheulhi ehnuvaa nimmun thah ninmee raiyyithunge jeebah baaru boduvaane

Leave a Reply