ފެބްރުއަރީ 22, 2025

މާލޭ ސަރަހައްދުން ރޭ 9،394 ގޭބިސީއަކަށް މަސްދަޅު ދޫކޮށްފި

މާލޭ ސަރަހައްދުގެ 9،394 ގޭބިސީއަކަށް ރޭ ވަނީ މަސްދަޅު ކޭސް ދޫކޮށްފައި ކަމަށް ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ރޭ މަސްދަޅު ބަހަން ފެށިއިރު އެ ހޯދަން ގިނަ ބަޔަކު ވަނީ އެއް ގަނޑިއިރާއި ތިރީސް މިނިޓު ކުރިން ކިޔު ހަދައިފައެވެ. ސަރުކާރު މަސް ކުންފުނި ކަމަށް މިފްކޯ އިން މަސްދަޅު ކޭސް ބަހަން ފަށައިފައިވަނީ ރޭ 8:30 ގަ އެވެ.

އާދަމް ޝަރީފު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްދަޅު ހޯދުމަށް ގިނަ ބަޔަކު ޝައުގުވެރިވެ ކިޔުގައި ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާއްމުންގެ ތަރުހީބު ދިން މިންވަރަށް ބެލުމަށް ފަހު އެ ހަދިޔާ ބަހާނެ އިތުރު ތަނެއް މާދަމާގެ ކުރިން ހަމަޖައްސައި އިއުލާންކުރާނެ ކަމަށެވެ.

ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުގައި ކަމަށް އޭނާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު ކިއޫގައި ނުޖެހުނަސް މި މަހުގެ ފަހުން ވެސް، ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ހަވާލުކޮށް ނިމެންދެން ދޫކުރާނެ ކަމަށެވެ. ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް ހޯދުމަށް ދިގު ކިޔުގައި ނުޖެހުނަސް ހުރިހާ ގެއަކަށް ވެސް މަސްދަޅު ކޭސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ މާލޭ ސަރަހައްދުގެ 9،394 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދޫކޮށްފައި ކަމަށެވެ.

ސެންޓަރުތަކުން މަސް ދަޅު ކޭސް ދޫކުރި އަދަދުތައް:

– ވިލިމާލެ – 582

– އެމްޓީސީސީ ސޯމިލް – 2،083

– މިފްކޯ – 3،666

– ހިޔާ ފްލެޓް 10 – 1،555

– އުމަރު ޒާހިރު ބިލްޑިން – 1،508