ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދަކީ ސިޔާސީ އެކްޓިވެސްޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތިއްބަވާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން މިއަދު ސިފަ ކުރައްވައިފި އެވެ.
ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގައި މިހާރު އޮތް ހަތް ފަނޑިޔާރުންގެ ބެންޗު ފަހަކަށް ބަދަލު ކުރުމަށެވެ.
އެ އިސްލާހަށް ބަހުސް ކުރައްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އައްޔަންކުރައްވާފައިވާ ސިޔާސީ އެކްޓިވިސްޓުންތަކެއް ކަމަށެވެ. އެފަދަ ގޮތަކަށް ކަންތައް ކުރެއްވުމަށްފު ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ އެމްޑީޕީގެ މެންބަރުންނަށް ނުދެއްކޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
”ސުޕްރީމް ކޯޓުގެ ބެންޗުގައި އެކްޓިވިސްޓުންގެ ގޮތުގައި ބޮޑު ބަނޑާރި ހެދިގެން އުޅުނު މީހުން ވެސް އެބަ ތިބި ވާހަކަ ފާހަގަ ކުރަން. އެއީކީ ސުޕްރީމް ކޯޓު އުފެއްދިއިރު މަހުފޫމް އޮތް ގޮތެއް ނޫން. އެކްޓިވިސްޓުން ސުޕްރީމް ކޯޓަށް ލީމަ ދެން އަންނާނެ ނަތީޖާ މިހާރު ވެސް ފެންނަ ކަމުގެ މަލަމަތި ފެންނާތީ އެ ވާހަކަ ދަންނަވާލީ،“ ތޯރިގު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ބޭއިންސާފުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު ދިފާއީ ވަކީލަކަށް ހުންނެވީ ސުއޫދު ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓަކުން ކަން ނުކުރަންވީ ގޮތް ސުއޫދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ސުއޫދަށް އެކަން އެނގިވަޑައިގަތް ނަމަވެސް މިހާރު ފެންނަމުން މިދަނީ ސިޔާސީ އޮއިވަރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖެހިފައިވާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ކޯޓުގެ ފަނޑިޔާރުން ގެންދަވަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ސިޔާސީ ހުކުމްތައް ކުރަމުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ޕާޓީ ބަދަލުުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދާތީ ނާޒިމް ވިދާޅުވީ އެކަމުގެ ސަބަބުން މަޖިލީހުގެ އިމްތިޔާޒާ މެދު ސުޕްރީމް ކޯޓުން ސުވާލު އުފައްދާފައިވާ ކަމަށެވެ.
އެކަން އެގޮތަށް ހިނގި ކަމަށް ގަބޫލު ކުރެވެނީ އެ މައްސަލައިގެ އަޑުއެހުންތަކުގެ ތެރޭގައި ސުއޫދު ކުރެއްވި ސުވާލުތަކުގެ ސަބަބުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
”މިހާރު މިއޮތް ސުޕްރީމް ކޯޓުން ސުވާލު އުފެއްދި ތަން ފެނިގެންދިޔަ. އެ ސުވާލަކީ ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް އެ ދީނަކީ އިސްލާމް ދީން ނޫން ކަމަށް މަޖިލީހުން ނިންމައިފި ކަމަށްވާ ނަމަ ދެން ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެތޯ. އެ ބާބުގައި ވެސް އެބަ ބުނޭ އިސްލާމް ދީނާ ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމަކީ މަޖިލީހުގެ ބާރެއް ކަމަށް،“ ނާޒިމް ވިދާޅުވި އެވެ.
އެފަދަ ސުވާލުތައް ކުރުމުގެ ކުރިން ސުޕްރީމް ކޯޓުން ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން މިއީ އެންމެ މުނާސަބު ދަނޑިވަޅު ކަމަށް ނާޒިމް ވިދާޅުވި އެވެ.
”ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް (ފަނޑިޔާރުން) ދެމުންދާ ތަން ފެންނަނީ،“ ނާޒިމް ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗްގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ ނާޒިމްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.

7 Comments
ގުޅުންހުރި
ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ފަނޑިޔާރު ސުއޫދު އިސްތިއުފާ
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ނެތް މައްސަލައެއް އުފައްދައިގެން: އަލީ ހުސެއިން
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލަށް ތާއީދު ނުކުރަން ވަޒީރުން ވެސް
ފަނޑިޔާރު ސުއޫދު، އަޒްމިރަލްޑާ އަދި މަހާޒު ޖޭއެސްސީން ސަސްޕެންޑްކޮށްފި
ޑީއެންއާރް ސިސްޓަމް ބޭނުން ކުރިނަމަ ޕީއެންސީއަށް 40،000 މީހުން ވައްދާނަން: އިހުސާން