މާރޗް 10, 2025

އިޒްރޭލް ޕާސްޕޯޓް މަނާ ކުރެވޭނީ މަޖިލީހުން އިސްލާހު ފާސްކޮށްދިނީމަ: ސަރުކާރު

އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރިކަމާ އަދި އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތަކާ ގުޅިގެން، އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރެވޭނީ އިމިގްރޭޝަަންގެ ގާނޫނަށް ގެންނަން މަޖިލީހަށް ފޮނުވި އިސްލާހު މަޖިލީހުން ފާސްވެގެން ކަމަށް ސަރުކާރުން ބުނެފި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން މިދިޔަ ޖޫން ގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެވެ. އެ ބިލު ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ފޮނުވީ 10 ޖޫން 2024 ގައެވެ. އެ ބިލު ކޮމިޓީއަށް ފޮނުވިތާ މިއަދަށް ނުވަ މަސް ވެފައިވާއިރު، އެ މަސައްކަތް އަދިވެސް އޮތީ އެ ކޮމިޓީގައި ތާށިވެފަ އެވެ.

ބިލުގެ މަސައްކަތް އަވަސްކުރަން ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީން މީގެ ކުރިން ގަރާރެއްވެސް ހުށަހެޅި އިރު، އިޒްރޭލު ޕާސްޕޯޓް މަނާކުރުން ތަންފީޒު ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ.

އޭނާ ފޮރިން މިނިސްޓަރު އިބްރާހިމް ހަލީލަށް ލިޔުމުން ފޮނުއްވި ސުވާލުގައި ވިދަޅުވެފައިވަނީ ދިވެހި ދައުލަތުން ބޭރު ދައުލަތްތައް ގަބޫލުކުރުމާއި އެ ގަބޫލުކުރުން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުންނާއި ބޭރު ގައުމުތަކާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރުމާއި ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމަކާމެދުގައި އޮތް ގުޅުން ކަނޑާލުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، އެ މަނިކުފާނުގެ ނިންމުން ތަންފީޒު ކުރުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަމަށް ފޮރިން ސާވިސްގެ ގާނޫނުގައި ބުނާ ކަމަށެވެ.

އެހެންކަމުން އިސްރޭލުގެ ޕާސްޕޯޓާއެކު ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ތަންފީޒު ކޮށްފައިނުވަނީ ކީއްވެގެންތޯ މެންބަރު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ހަލީލު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު 2 ޖޫން 2024 ގައި ރައީސް ނިންމަވާފައިވާ ކަމަށެވެ.

”އެ ނިންމުން ތަންފީޒު ކުރުމަށްޓަކައި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަންޖެހޭ، އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މި ވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި، ކަމާގުޅުން ހުރި އެކިއެކި ފަރާތްތައް ހާޒިރުކޮށްގެން ދިރާސާ ކުރުމުގެ މަރުހަލާގައި، އެ ނިންމުން ގާނޫނަކަށް ވުމާއެކު ސަރުކާރުގެ ނިންމުން ތަންފީޒު ކުރުމަށް މަގުފަހިވެގެންދާނެ،“ ހަލީލު ވިދާޅުވި އެވެ.