މައުލޫމާތު ސައްހަތޯ ނުބަލާ ނެރެވުމުން ގައުމީ ސަލާމަތުގެ އޮޕަރޭޝަނާ ގުޅޭ ބަޔާން ކެންސަލް!

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ---

ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށާފައިވާ ކަމަށް ބުނެ ފުލުހުން ބަޔާނެއް ނެރުމަށްފަހު އެ ބަޔާން ނަގައިފި އެވެ.

މާލެ ސަރަހައްދުގައި ހިންގާ އެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާން ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ނަގާފައިވަނީ އެ ޝާއިއު ކުރިތާ 30 ވަރަކަށް މިނެޓު ފަހުންނެވެ.

ފުލުހުން ބުނީ، ސޯޝަލް މީޑިއާ އިން ބަޔާން ނެގީ ބައެއް ’ސެންސިޓިވް‘ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބުމުން ހާމަ ކުރާނެ ކަމަށްވެސް ބުންޏެވެ.

މިފަދަ ކަންކަން ފުލުހުންގެ ފަރާތުން މިފަހަކަށް އައިސް ތަކުރާރުވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.