ދައުލަތުގެ ވަޒީފާގައި 25 އަހަރުވެއްޖެ، ހިޔާނާތެއްގެ ތުހުމަތެއް މިހާތަނަށް އަމާޒެއްނުވޭ: އަބްދުﷲ

ދެހާސް ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ދައުލަތުގެ އެކި ވާޒީފާތައް އަދާކުރަމުން ކަމަށާއި މިހާތަނަށް ދުވަހަކު ވެސް އޭނާއަށް ހިޔާނާތުގެ ތުހުމަތެއް ކުރެވިފައިނުވާ ކަމަށް މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ފޭސްބުކުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވް ގޭސްއިން ކުރާ ކޮންމެ މުއާމަލާތަކީ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ޕްރޮކިއުމެންޓް އުސޫލުތަކާ އެއްގޮތަށް ކުރާ މުއާމަލާތްތަކެއް ކަމަށެވެ. އެ ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެންމެ މަތީ މަސްލަހަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

”ވޭތުވެދިޔަ ދިގު މާޒީގައި އެއްވެސް ހިޔާނާތެއް އަދި ހިޔާނާތެއްގެ ތުހުމަތުގައި ވެސް ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައިވާ މީހެއް ނޫން. އަދި ބަޔާންނަގައި އެއްވެސް ހުކުމެއް ކޮށްފައިވާ މީހެއް ވެސް ނޫން“ އަބްދުﷲ ވިދާޅުވިއެވެ.

ސިޔާސީ މަންފާއަކަށް ހާސިލުކުރަން ބޭނުންވާ ކަމެއް ހާސިލު ނުވުމަކީ ދެން ހުންނަ މީހާގެ އަނބުރު ކަތިލާލަންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވް ގޭހުން ރާއްޖެއިން ބޭރު ކުންފުންޏަކަށް އެޑްވާންސަށް ފައިސާ ދެއްކުމުން ގޭސް ނުލިބި އެ ފައިސާ ގެއްލިފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެމާލިއްޔަތު ކޮމިޓީގައި އިއްޔެ ވަނީ ފެންމަތިކޮށްފި އެވެ.

އެ މައްސަލަ ފެންމަތިކުރީ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ކޮމިޓީ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައިވަނީ އެކަމެއް ހިނގީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ކަމަށެވެ. ގެއްލުނު ފައިސާ ކުންފުންޏަށް އަދިވެސް ހޯދިފައިނުވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،“ ނާޒިމް ވިދާޅުވި އެވެ.

ގެއްލިފައިވަނީ ކިހައި ފަައިސާ ކަމެއް ނާޒިމް ވިދާަޅެއްނުވެ އެވެ.

ނަމަވެސް “ހަފްތާ”އަށް އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 250،000 ޑޮލަރެވެ.