އޭޕްރިލް 20, 2025

މިއަދަކީ އެކްސްޕޯ 2025 ގެ ފަހު ދުވަސް، 40 އެގްޒިބިޓަރުން ބައިވެރިވި!

”ވެކޭޝަންސް އެކްސްޕޯ 2025“ ފަހު ދުވަހަކީ މިއަދު ކަމަށް އެ އެކްސްޕޯ ބާއްވާ ހައިރައިޒް އިވެންޓުން ބުނެފި އެވެ.

ހައިރައިޒްއިން އެ އެކްސްޕޯ ބާއްވަނީ 40 އެޒްޒިބިޓަރުންނާއެކު އެވެ. އެ އެކްސްޕޯއަކީ ހަމައެކަނި ޒިޔާރަތްކޮށްލައިގެން ވެސް ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ލިބޭ ގޮތަށް އިންތިޒާމު ކޮށްފައިވާ އެކްސްޕޯއެކެވެ.

ހައިރައިޒްއިން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އެ އެކްސްޕޯއަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ މީހުންނަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ހޯދުމަށް، ދިވެހިންގެ މެދުގައި މަގުބޫލު އެކްސްޕޯއެކެވެ.

ހައިރައިޒްއިން މިއަދު ބުނީ މި އަހަރުގެ އިވެންޓަށް  މިހާތަނަށް އެތައް ހާސް ބަޔަކު ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ހައިރައިޒްއިން ބުނީ މި އަހަރުގެ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވާ ކަމަށާއި މިއީ މިހާތަނަށް ކުރިއަށް ގެންދާ ވެކޭޝަންސް އެކްސްޕޯގެ އެންމެ ފުރިހަމަ އެޑިޝަން ކަމަށެވެ.

މި އަހަރު ވެސް، ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުން ހާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދޭނެ ކަމަށް ހައިރައިޒުން ބުންޏެވެ.

އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ދާއިރާތައް:

ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް

އެއާލައިންތައް

ޓްރެވަލް އެޖެންޓުން

ސަރުކާރުގެ އިދާރާތައް

ބޭރުގެ ގައުމުތަކުގެ އެމްބަސީތައް

މޫދު ކުޅިވަރުގެ ވިޔަފާރިތައް

ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް

މި އަހަރު ވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް ކަމަށާއި ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް ކަމަށް ހައިރައިޒްއިން ބުންޏެވެ.